ރާއްޖޭގައި މިއަދުވެސް ވެރިން ނިކަމެތިންގެ މައްޗަށް ބާރުދައްކާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ޖަމީލު ވިދާޅުވީ ޖުމްހޫރީ ދުވަސް މިއަދު ފާހަގަ ކުރި ނަމަވެސް ދިވެހި ރައްޔިތުން މިއަދުވެސް ތިބީ އެންމެ ފުރަތަމަ ކުރި އިހުސާސްތަކާ އެކު ކަމަށެވެ. ވެރިން އިންސާފަށް ހުރަސް އަޅުއްވާ ކަމަށާއި ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ނިގުޅައިގަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނިކަމެތިންގެ މައްޗަށް ނުފޫޒު ފޯރުވާކަމަށާއި ތަހުޒީބު ވެފައިވާ މުޖުތަމައުއެއް އަދިވެސް ޔައްޔިތުންނަށް ލިބިފައި ނުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެއެވެ. އަދި މިއަދު ފާހަގަ ކުރަމުން މި ދަނީ ރާއްޖޭގެ 52 ވަނަ ޖުމްހޫރީ ދުވަހެވެ.

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާދައުލަތެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުންކުރާ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުސޫލުތަކުންނެވެ. އެ އުސޫލުތައް ވާންޖެހެނީ އެގައުމެއްގެ ގާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުސޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ގައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢިދާއެކު އިންތިހާބު ވާ ވެރިއަކަށް ވުމެވެ.