ދަތުރުވެރިންގެ މާރުކޭޓު މަސައްކަތް ނުނިމި އަދި އިއުލާނު ނުކުރެވި ލަސްވަމުން ދަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާ ހިސާބުން ކަމަށް ވިދާޅުވެ، އެ ކައުންސިލުގެ މެންބަރު މުހައްމަދު ފަޒީން ކުރެއްވި ތުހުމަތުތަކަށް ޝިފާ ރައްދު ދެއްވައިފިއެވެ.

ފަޒީން ކުރައްވައިފައިވާ ގިނަ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝިފާ ވަނީ، ފަޒީނަށް އެއަށް ވުރެ، ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޝިފާ ވިދާޅުވީ، ފަޒީނަކީ މާލެ ސިޓީ ކައުންސިލުގެ ތެރޭގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ވައްކަމާއި އެހެނިހެން ތުހުމަތުތައް ކުރައްވާ ބޭފުޅެއް ކަމަށާއި، ކައުންސިލަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް އެއްވެސް ހިދުމަތެއް ފަޒީން ކޮށްދެއްވާފައި ނުވާކަމަށެވެ. އަދި އޭނާ އަބަދުވެސް އުޅުއްވަނީ ކޮންމެވެސް ސިޓީއަކުން ނުވަތަ ލިޔެކިއުމެއް ހޯއްދަވައިގެން މާލެ ސިޓީ ކައުންސިލުގައި އުޅުއްވާ ބޭފުޅުން ބަދުނާމު ކުރެއްވުމަށް ކަމަށާއި، ޒާތީ ގޮތުން މީހުންނާއި ޖައްސާލައްވައިގެން ކަމަށެވެ. މީގެ އިތުރުން ކައުންސިލުގެ އެހެން ބޭފުޅުންގެ ކޮމްޕިއުޓަރުތަކުގެ ބޭނުން ކުރައްވައިގެން އޭނާއަށް ލިބިވަޑައިގެންފައި ނުވާ ބާރުގެ ބޭނުން ފަޒީން ކުރައްވާ ކަމަށް ވެސް ޝިފާ ތުހުމަތު ކުރެއްވިއެވެ.

މާރުކޭޓުގެ މަސައްކަތް ދިގުލައިގެން ދަނީ މޭޔަރުގެ ހައިސިއްޔަތުން ޝިފާގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވައިގެން ކަމަށާއި، އެކަމުގައި މާކެޓް އެންޑް ހާބާ ކޮމިޓީގެ ކުށް ދެއްކުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ފަޒީން ވަނީ މޭޔާ ޝިފާ އަދި ޑެޕިއުޓީ މޭޔާ ސަމާއު ޝަރީފަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު ކަނޑަނޭޅޭ ކަމަށް ސަމާއު ވިދާޅުވުމުން، ފަޒީން ވަނީ ސޯޝަލްމީޑިއާގައި އެވާހަކަތައް ދޮގުކުރައްވާ، އެކަމުގައި ސަމާއު ހައްދަވަނީ އިތުރުފުޅެއް ކަމަށް ވިދާޅުވެ، އޭނާއަށް އެކަން ހެއްކާ އެކު ސާބިތު ކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޝިފާ ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލަ މިހާ ދިގުލައިގެން ދާން މެދުވެރިވި ސަބަބަކީ ފަޒީން ބޭނުންވެލައްވާ ގޮތަށް ކަންތައް ނުވާތީ ކަމަށެވެ. އަދި ފަޒީންގެ ނުފޫޒުން މާރުކޭޓުގެ އުސޫލު މަޝްވަރާކުރުމަށް ބާއްވަން އުޅުނު ތިން ޖަލްސާ، އެކަށީގެންވާ މިންވަރަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ކެންސަލް ކުރަން ޖެހުނު ކަމަށާއި، އޮންނަ އުސޫލާއި ހިލާފަށް ބައްދަލުވުންތަކުގައި ފަޒީން ހިޔާލު ހުށަހެޅުއްވުމުން އެ ހިޔާލު ބަލައިނުގަނެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީގެ އެހީއާއެކު މިހާރު މާރުކޭޓުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި، މިހާރު އެމްޓީސީސީން ދަނީ އެ ސަރަހައްދުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޝިފާ ވިދާޅުވިއެވެ. ނަމަވެސް، ފަޒީން ބޭނުންވެލައްވާ ގޮތަށް މާރުކޭޓު މަރާމާތު ކުރަން ނިންމައިފިނަމަ ތަނުގެ މުޅި ސްޓްރަކްޗާ ބަދަލުކޮށް، މާރުކޭޓު އަލުން ހުޅުވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީގެ އެހީއާއެކު މާރުކޭޓުގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭ ނިންމާލެވެން އޮތް އިރު، ފަޒީން ބޭނުންވެލައްވާ ގޮތަށް މާރުކޭޓު މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ބޭކާރު ކުރުމަކީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ޝިފާ ވިދާޅުވިއެވެ.

ފަޒީންއަށް އޭނާގެ ޒިންމާ އަދާނުކުރެއްވޭ ކަމަށް ވިދާޅުވަމުން ޝިފާ ވިދާޅުވީ، މީގެ 8 މަސް ކުރިން ހުސްކުރަން ޖެހޭ މާރުކޭޓުގެ ގޮޅިތައް ފަޒީންއަށް ހުސްކުރެއްވިފައި ނުވާ ކަމަށާއި، އެ ގޮޅިތަކުގައި ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލުވެފައިވާ އެތައް ބަޔަކު ވިޔަފާރި ކުރިއިރުވެސް ފަޒީންއަށް ރޭކާވެސް ނުލާ ކަމަށެވެ. އަދި އެކަމުގައި މޭޔާރުގެ ޒިންމާ އަދާ ނުކޮ\ުރައްވައިގެން އެއްވެސް ކަމެއް ދިގުލައިގެން ގޮސްފައި ނުވާނެ ކަން ފާހަގަ ކުރައްވާ ޝިފާ ވިދާޅުވީ، ފަޒީން އަކީ އަބަދުވެސް މީހުން ދައްކާ ވާހަކަތައް ރެކޯޑްކޮށް، އެ އެޑިޓްކޮށްގެން ފަތުރަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

މާރުކޭޓުގެ މަސައްކަތް ދިގުލައިގެން ދަނީ ޝިފާގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވަމުން ފަޒީން ވަނީ އެއީ ޝިފާ ގަސްތުގައި މާކެޓް ކޮމިޓީގެ މެންބަަރުން ބަދުނާމު ކުރުމަށްޓަކައި ކުރައްވާ ކަންކަން ކަމަށާއި، އެކަން ކުރައްވަނީ ނައިޓްމާކެޓްގެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޝިފާ ވިދާޅުވީ، އެސީސީއަށް ހުށަހެޅި މައްސަލައިގައި އެ ކައުންސިލުގެ މުވައްޒަފުންގެ ކުށެއް ނެތް ކަމަށް ނިންމާފައި ވާ ކަމަށެވެ. އަދި ފަޒީންއާއި އަހްމަދު ޒަމީރު އުޅުއްވަނީ ގަސްތުގައި ކައުންސިލުގެ ނަން ބަދުނާމު ކުރެއްވުމަށް ކަމަށް ޝިފާ ވިދާޅުވި އިރު، ޝީފާ ވަނީ މީގެ ކުރިން ވެސް ކައުންސިލް ހިންގުން ހުއްޓުމަކަށް ގެނައުމަށް 3 ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.