ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެ މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހި، އަދި އޭގެ ކުރިއަށް އޮތް އެހެން ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ހުވަނދުމާ ހިނގުމުގައި މަޑުކޮށްގެން އޮތް ޕިކަޕެއްގައި ފަހަތުން އައި ޕިކަޕެއް ޖެހި، އަދި މަޑުކޮށްގެން އޮތް ޕިކަޕު އޭގެ ކުރީގައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:02 ހާއިރު ކަަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މެދުގައި އޮތް ޕިކަޕާއި ދުއްވާފައި ދިޔަ ޕިކަޕު ދުއްވަން ތިބީ ބަންގްލަދޭޝް ޑްރައިވަރުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ދެމީހުންނަކީވެސް ކުރިން އެހެން މައްސަލައެއްގައި ލައިސަންސް ހިފަހައްޓާފައިވާ ދެމީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެންމެ ކުރީގައި އޮތް ޕިކަޕަކީ ދިވެއްސަކު ދުއްވަން އިން ޕިކަޕެއް ކަމަށާއި އެ ޑްރައިވަރު އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި ތިން ޕިކަޕުގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ދެ ސައިކަލަކަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ފަހަތުން އައި ޕިކަޕު ބާރު ސްޕީޑުގައި އައިސް ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.