ދ. ކުޑަހުވަދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީގައި ދަތުރުކުރި 6 މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ނިޔާވެފައި ވަނީ ސްވެޑަން ފަތުރުވެރިއެއް ކަމަށެވެ. އަދި އެހެން މީހުންގެ ހާލު ރަނގަޅު ކަމަށާއި އެމީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ، އެ ޑިންގީގައި ދަތުރު ކުރީ 4 ސްވެޑަން ފަތުރުވެރިންނާއި 2 ދިވެހިންކަމަށެވެ. އަދި ނިޔާވެފައިވަނީ ސްވެޑަން މީހެއް ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މިހާދިސާ ހިނގާފައި ވަނީ މަސްބާނަން ނުކުމެ އުޅުމުގެ ތެރޭގައި މާބޮޑަށް ފަރަކާ ގާތްކޮށްލި ވަގުތެއްގައި ޖެހި ރާޅެއްގެ ސަބަބުން ޑިންގީ ބަންޑުން ޖަހާލީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިއަދަކީ ދ. އަތޮޅަށް މޫސުން ރަނަގަޅު ދުވަހެއް ކަމަށާއި ކަނޑުވެސް މަޑު ދުވަހެއް ކަމަށެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 4:22 ގައި ކަމަށާއި، މި ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިޑީންގީގައި ތިބީ، 4 ބޭރު މީހުންނާއި 2 ދިވެހިން ކަމަށާއި، ހާދިސާގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެސަރަހައްދަށް ދިޔައިރު، އެ ޑީންގީގައި ތިބި 6 މީހުން، ރަށު ތެރެއިން ޖެޓްސްކީގައި އައި ބަޔަކު ވަނީ ސަލާމަތްކޮށްދީފައި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ބަންދުން ޖަހާލި ޑިންގީގައި ތިބި މީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.