މަޖިލީހުގައި ހިންގާ ކޮމިޓީތަކަކީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މިލްކެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ދިވާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ނިންމުމުންނެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ ތުހުމަތުތައް ތަހުގީގުކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އެކަމުގެ ތެރެއަށް ވަންނަން ކުރަމުންދާ މަސައްކަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވުމުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކުރުމުން ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވެގެން ދާކަމަށެވެ.

އަދި ޖަމީލު ވިދާޅުވީ އެމްޑީޕީއަށް ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތަށް ބޭނުން ކުރަނީ ބަދަލުހިފަން ކަމަށެވެ.

ހައިލަމް ބޭނުން ކުރެއްވި ފޮޓޯއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ ގާނޫނު އަސާސީންނާއި އެންޓި ޓޯޗާ ގާނޫނުން ދިވެހި ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމަތް ރައްކާތެރި ކުރުމުގެ ހައްގު ފޯރުކޮށްދޭ ކަމެވެ. އެހެންކަމުން، އެފަދަ އަމަލުތަކަށް ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށާއި ހައިލަމްގެ އެ އަމަލަކީ، އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްގެ އިތުރުން، ޔޫއެން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އިންހިއުމަން ޑިގްރޭޑިން ޓްރީޓްމަންޓް އެންޑް ޕަނިޝްމަންޓުގެ އާޓިކަލް ތިނަކާ ހިލާފު ކަމެއް ކަމަށްވެސް ކޮމިޓީން ވަނީ ބުނެފައެވެ.

އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ހައިލަމް ނެރުއްވި ބަޔާނެއްގައި ވަނީ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީން ކަން ހޯދަން ސަރުކާރުގެ އެކި ފަރާތްތަކުން އޭނާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.