ވަރުގަދަ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ލުބްނާނުގެ ބައެއް ޕެޓްރޯލް ޝެޑްތަކުން މަސައްކަތް ހުއްޓާލައިފިއެވެ.

ޕެޓްރޯލް ޝެޑްތަކުން ޕެޓްރޯލް ވިއްކުން ހުއްޓާލާފައި ވަނީ ޑޮލަރުގެ ދަތިކަން ކުރުމަތިވެ، ސަޕްލަޔަރުންނަށް ދޭނެ ފައިސާ ނުލިބުމުގެ ސަބަބުން ޕެޓްރޯލް ރިޒާވްތައް މުޅިންހެން ހުސްވެގެންނެވެ.

ޕެޓްރޯލް ޝެޑްތައް ބަންދުކޮށްފައި ވާއިރު، ލުބްނާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިން ފެށި މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ލުބްނާނުގެ ރައްޔިތުން ބުނަމުންދަނީ އެ ގައުމުގެ ސަރުކާރަކީ ކުފޫ ހަމަނުވާ، ކޮރަޕްޓް ސަރުކާރެއް ކަމަށެވެ.

ޕެޓްރޯލް ޝެޑްތަކަށް ކުރިމަތިވެފައިވާ މައްސަލައަށް އަންގާރަ ދުވަހުގެ ނިޔަލަށް ހައްލެއް ހޯދާ ދިނުމަށް ސަރުކާރު ފެއިލްވެއްޖެނަމަ އެ ގައުމުގެ ހުރިހާ ހިސާބެއްގައި ހުރި ޕެޓްރޯލް ޝެޑްތައް ބަންދުކުރަންޖެހޭނެ ކަމަށް ޚަބަރު ލިބެއެވެ.

ލުބްނާނުގެ ޕެޓްރޯލް ޝެޑްތަކަށް އާމްދަނީ ވަންނަނީ ލެބަނީޒް ޕައުންޑުން ކަމުގައި ވީ ނަމަވެސް، ސަޕްލަޔަރުން އަތުން އެމީހުން ތެޔޮ ގަންނަންޖެހެނީ ޑޮލަރުންނެވެ.

ނަމަވެސް ހޫނު މޫސުމުގެ ނިމުމަކާ ހިސާބަށް އައިއިރު ޑޮލަރުގެ ރިޒާވް ހުސްވެދާނެ ކަމުގެ ބިރު އޮތުމާއެކު ލުބްނާނުގެ މަރުކަޒީ ބޭންކުންވަނީ ޑޮލަރުގެ ސަޕްލައި ދަށްކޮށްފައެވެ. އޭޓީއެމްތަކުން ޑޮލަރު ނެގޭ މިންވަރު ކޮންޓްރޯލްކޮށްފައިވާއިރު، ލެބަނީޒް ޕައުންޑުން ޑޮލަރަށް ފައިސާ ބަދަލު ކޮށްގެން ނުނެގޭ ގޮތްވެސް ވަނީ ހަދާފައެވެ. ނަތީޖާއަކަށްވެފައިވަނީ ޑޮލަރު ވިއްކާ މީހުން އަތުން ބޮޑު އަގުގައި ފައިސާ ގަންނަންޖެހުމެވެ. މިއާއެކު ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ.