ކުޑަކުދިންގެ ތެރެއިން އުމުރުން ހަތަރު އަހަރު ނުވަތަ ޕްރީސްކޫލް ކެޓަގަރީގެ ކުދިންނަކީ ހެދިބޮޑުވާ އުމުރުގެ ތެރެއިން ކުއްޖާ އެންމެ "އެކްޓިވް" ވާ އުމުރެވެ. މި އުމުރުފުރާގެ ކުދިންނަކީ ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރާ ބައެކެވެ. ވާހަކަ ދެއްކުމުގައި ބޮޑެތި ބަސްތައް ދަސްކުރުމާއި ގިނަ ބަސްތައް ގުޅުވައިގެން ދިގު ޖުމްލަ ހަދަން މަސައްކަތް ކުރުމާއި އެކުދިންގެ ހިޔާލާއި ޝުއޫރުތައް ފާޅުކުރަން ފަށާ ސްޓޭޖަކީވެސް މިއެވެ. މީހުންބުނާ ގޮތަށް ކަންކުރަން ދަސްކުރުމާއި، ތަންތަނަށް އެރުމާއި އަތާއި ފައިގެ ހަރަކާތްތައް ގިނަވާން ފަށަނީވެސް މި އުމުރު ފުރާގައެވެ.

އެގޮތުން ޏ.ފުވައްމުލަކަށް އުފަން އުމުރުން 4 އަހަރުގެ އަހުމަދު އީތު އިހުސާނަކީ ވެސް ވަރަށް ހަލަނިކޮށް ނުވަތަ އޭނާގެ މަންމަ ބުނާ ގޮތުންނަމަ "ވަރަށް އެކްޓިވް" ކުއްޖެކެވެ. ސަކަރާތްޖަހުމާއި ކުޅެ މަޖާކޮށް ހަދާ ކުއްޖެކެވެ. ނަމަވެސް ރަނގަޅު ސިއްހަތެއްގައި ހުރި ކުއްޖާއަށް ސިއްހީ ގޮތުން ކުއްލިއަކަށް ދިމާވި ކަމެއްގެ ސަބަބުން އޭނާގެ މައިންބަފައިން ވަނީ މާޔޫސްވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އީތުގެ މަންމަ އައިޝަތު ޝަބާނާ ބުނީ، އެއް ދުވަހު ސްކޫލަށް ގެންދަން ކުއްޖާ ރީތިކޮށްގެން ހުއްޓާ 4 އަހަރުގެ ދަރިފުޅު ވަރަށް ބޮޑަށް ބޮލުގައި ރިއްސާ ވާހަކައާއި ނިދި އަންނަ ކަމަށް ބުނި ކަމަށެވެ. އުރާލުމުން ވެސް އެ ކުއްޖާ ކޮނޑުގައި ބޯ އަޅައިގެން ވަރެއް ނެތި އޮތް ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމަށް ސަބާނާއަށް އިހްސާސް ކުރެވުނެވެ.

"ކުއްލިއަކަށް ބޮލުގައި އަތް އަޅާފައި ބުނީ ބޮލަށް ތަދުވަނީއޭ. އުރާލީމަ ބުނީ ދެން ނިދި އަންނަނީއޭ. ދެން ނިދަން އުޅުނީ. ދެން އެހެން އެއްޗެއް ހެން ހީވެގެން އަހަރެން ހޮސްޕިޓަލަށް ދިޔައީ. ދިޔަ އިރުވެސް ނިދިނިދި އޮތީ. ހޮސްޕިޓަލަށް ގޮސް ހުމާ އެއްޗިސް ބެލި އިރު އޭރު ހުރީ ހަމަ ނޯމަލްކޮށް. އެކަމަކު ބައި ގަޑިއިރު ތެރޭ ފުރަތަމަ ހޮޑުލީ. ދެން ހޮޑުލާފަ ހުން އައިސް ހަބަރު ހުސްވީ، ދޭތެރެ ދޭތެރެއިން ހަބަރުވެ ލޯ ހުޅުވާލާފަ ބަލާލާ."
އީތުގެ މަންމަ

އަވަހަށް ފުވައްމުލަކު ހޮސްޕިޓަލަށް ކުއްޖާ ގޮވައިގެން ދިޔައީ އެހިސާބުންނެވެ. އެވަގުތު ހޮސްޕިޓަލުން "ޗެކް އަޕް" ހަދާލި އިރު އޭނާގެ ހުރިހާ ކަމެއްވެސް ހުރީ ނޯމަލްކޮށެވެ. އެއްވެސް އާދަޔާ ހިލާފްކަމެއް ޑޮކްޓަރުންނަކަށް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް ބައި ގަޑިއިރު ފަހުން ދެން އެކުއްޖާ ފެށީ ހޮޑު ލާށެވެ. ހުން ގަދަވެ ކުއްޖާ ދެން ހަބަރު ހުސްވީ ކަމަށް ޝަބާނާ ކިޔައިދިނެވެ. އީތު ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވައި ދިނުމަށްފަހު މާލެއަށް އެމަޖެންސީކޮށް ފޮނުވާލިއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް ފުރަތަމަ ފަރުވާ ދިނީ އައިސީޔޫގައި ކަމަށާއި، "ލަމްބާ ޕަންކްޗާ" ޓެސްޓެއް ހަދާ އެންޓިބައޮޓިކްސް ދިން ކަމަށާއި އެނދުމަތިކޮށްފައި ބާއްވާފައި ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ ހަފްތާގައި ކަމަށް ޝަބާނާ ބުނެއެވެ. ހޮސްޕިޓަލުން އީތު ދުކޮށްލި އިރުވެސް ބޮލުގެ ރިހުމަށް ބަދަލެއް ނާންނަ ކަމަށް ޝަބާނާ ކިޔައިދިނެވެ.

ގެއަށް އައިސް ވެސް ކުއްޖާ ބޮލުގައި ރިއްސާތީ އުޅޭތީ ދެން ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކަށް އީތު ވަނީ ދައްކާފައެވެ. ނަމަވެސް އެކުއްޖާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވެ، އެ ޑޮކްޓަރު ލަފާ ދިނީ ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށެވެ. އަމިއްލަ ދަރިފުޅުގެ ފަރާތުން ފެންނަމުން ދިޔަ ކަންތައްތަކުން ކޮންމެވެސް ކަމެއް އެ ކުއްޖާއަށް ވެގެން އުޅޭ ކަމަށް ހީވި ހީވުމަށް ޖަވާބެއް ލިބުނީ އޭޑީކޭގެ ނާރުގެ ހާއްސަ ޑޮކްޓަރު ވިދާޅުވެގެން ހެދި އެމްއާރްއައި ޓެސްޓުގެ ނަތީޖާ އައި ހިސާބުންނެވެ.

"އެމްއާރްއައި ޓެސްޓު ހެދި އިރު ޑޮކްޓަރު ވިދާޅުވީ، ހުންނަން ނުޖެހޭ ކަހަލަ އެއްޗެއް އެބަ ހުއްޓޭ. ދެން އޭޑީކޭއިން އެޑްމިޓްވާން ބުނުމުން އެވަގުތު ހާލަތު ހުރި ގޮތުން އައިޖީއެމްއެޗަށް ދިޔައީ. ދެން އެކޮޅުން އެންޖީއޯ އެއް ހެދީ. ޔަގީނެއް ނުވޭ އެއީ ޓިއުމަރެއް ކަމެއް ނުވަތަ ނާރެއް ފަޅައިގެން ދިޔައީއެއް ކަމެއް. ލޭ ހުރިކަން އެނގެނީ. ދެން އިތުރު ޓެސްޓެއްވެސް ހެދައިގެން އެކަން އިތުރަށް ބެލެން އޮތީ. އެކަމަކު އެއީ މިކޮޅުން ހެދޭ ޓެސްޓެއް ނޫން. އޭޑީކޭއިން އެ ޓޭސްޓު ހެދެން ހުރި ނަމަވެސް އެކަމަށް ހާއްސަ ޑޮކްޓަރެއް އައިސްގެން އެ ޓެސްޓު ހެދެނީ. މިހާރު އެ ޓެސްޓު ހެދޭކަށް ނެތް."
އީތުގެ މަންމަ

ދެލޯ ފަދައިން ދެކެމުން އައި އެ ތުއްތު ކުއްޖާގެ ނަތީޖާ ލިބުނު ހިސާބަކީ އެ ދެމަފިރިންނަށް ލިބުނު އިތުރު ހިތްދަތިކަމެކެވެ. އެމްއާރްއައި ޓެސްޓުތަކުން ދެއްކީ އެކުއްޖާގެ ސިކުނޑީގެ ވާތު ފަޅީގައި ހުރި ތަފާތު ކަމެކެވެ. އެ ފަރާތުގައި ހުރީ ލޭ ގަނޑުކޮޅެއް ކަމެއް ނުވަތަ ޓިއުމަރެއް ކަން ޔަގީން ނުވާ ކަމަށް ވިދާޅުވެ ޑޮކްޓަރުން ލަފާ ދިނީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ޓެސްޓުތައް ހެދުމަށެވެ. އަދި ރާއްޖެއިން ބޭރަށް ގޮސް ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބައްޔެއް ކަމުން އެކަމަށް އާސަންދައާއި އެންސްޕާއިން އެހީ ލިބުނު ކަން ޝަބާނާ ފާހާގަކުރިއެވެ. ހަމައެއާއެކު އާއިލާއާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ވެސް ދީލަތި އެހީ ލިބިފައިވާކަން ފާހަގަކޮށް އެކަމަށް އޭނާ ޝުކުރު އަދާކުރިއެވެ.

"މި އުނދަގޫ ދަނޑިވަޅުގައި އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަން"
އީތުގެ މަންމަ ޝަބާނާ

އަދި ޝަބާނާ އެހީއަށް އެދީ އޭނާގެ ފޭސްބުކް އެކައުންޓުގައި ޖެހި ޕޯޓު މެދުވެރިކޮށް ނުދަންނަ އެތައް ދިވެހިންނާއި ރަށުގެ ގިނަ ބައެއްގެ އެހީތެރިކަން ވެސް ފާހަގަކޮށް އޭނާ ޝުކުރު އަދާކުރިއެވެ.

އީތު ގޮވައިގެން އެ ދެމަފިރިން އިންޑިއާއަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. މިހާރު އެ ކުއްޖާގެ ބޭސްފަރުވާއަށް ބޭނުންވާ ވަރަށް އެ އާއިލާއަށް ފައިސާ ލިބިފައިވާ ކަމަށް ބުނަމުން އީތުގެ މަންމައާއި ބައްޕަ އެދެނީ އެމީހުންގެ އެ ތުއްތު ދަރިފުޅަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

އަހުމަދު އީތު އިހުސާން

އެއްވެސް މަޔަކު އަދި ބަފަޔަކު އެބައެއްގެ ދަރިއަކު ބަލިވެފައި އޮންނަ ތަން ބަލަން ހުރުމަކީ ކުޅަދާނަ ވާނެ ކަމެއް ނޫނެވެ. އެހެންވެ މިއަދު އެ ދެމަރިން އެ އެދެނީ ތިޔަ އެންމެހާ ކިޔުންތެރިންގެ އަރިހުން އެ ކުއްޖާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ. މާތް ﷲ އަހުމަދު އީތު އިހުސާނަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާށިއެވެ. އަދި އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށިއެވެ. އާމީން.