ސަރުކާރާ ދެކޮޅަށް އިރާގުގެ އާންމު ރައްޔިތުން ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ބަސަރާ ސިޓީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 24 ގަޑިއިރު ތެރޭގައި 13 މީހުން މަރާލައިފިއެވެ.
މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން ދިން ބަޑީގެ ހަމަލާތަކުގައި ވެރިރަށް ބަގުދާދުން 6 މީހަކު މަރާލާފައިވާއިރު، ދެކުނު ބަސަރާ ސިޓީއިން 7 މީހެއްގެ ފުރާނަ ދުއްވާލާފައިވާކަމަށް ޚަބަރު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ބަގުދާދުއާއި ދާދި ކައިރީގައި އޮންނަ ޝުހާދާ ބުރިޖު ކައިރީގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި 35 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައްވެސް ލިބިފައެވެ.
ސަރުކާރާ ދެކޮޅަށް އިރާގުގެ ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާތައް 14 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައިވާއިރު އަދިވެސް މުޒާހަރާތައް ހުއްޓުމަކަށް އައިސްދާނެ ކަމުގެ ނިޝާނެއް ނުފެންނަ ކަމަށް އިރާގުގެ މަސްރަހު ދިރާސާކުރަމުންދާ ފަރާތްތަކުން ބުނެއެވެ.
ހަމަނުޖެހުންތައް ހިންގާފައިވަނީ މުޒާހަރާކުރުން މަނާކޮށްފައި އޮންނަ ގްރީން ޒޯންގެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަންނަން އުޅުމުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ. ކަންމިހެން އޮތްއިރު ސަލާމަތީ ބާރުތަކުން މިހާރު ދަނީ ގްރީން ޒީން ސަރަހައްދަށް ދެވެން އޮންނަ ހުރިހާ މަގެއްގައި ފޯރިމަރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މެދުއިރުމަތީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިރާގު މުޒާހަރާގެ ބައިވެރިން ދަނީ މަގުތަކުގައި ހުޅުޖެހުމުގެ ގޮތުން ޓަޔަރުތަކުގައި ރޯކުރަމުންނެވެ. މިކަމުގެ ސަބަބުން، ކާބޯތަކެތީގެ އެހީ ހިފައިގެން ދަތުރުކުރާ ގާފިލާތަކަށް ހުރަސް އެޅެމުންދާކަމަށް ޕޯޓްސް އޮތޯރިޓީގެ އޮފިޝަލަކު ވަނީ ހާމަކުރައްވާފައެވެ.
އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ކޮރަޕްޝަނާ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ހަމަނުޖެހުންތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ބިނާވެށީގެ މައްސަލަތަކާ، ހިދުމަތުގެ ފެންވަރު ދަށްވުމާ، ވަޒީފާ ނުލިބުމުގެ މައްސަލަތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް އިރާގުގެ ރައްޔިތުން މުޒާހަރާ ފެށީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވަސްކޮޅަކަށް މުޒާހަރާތައް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މުޒާހަރާތައް ކުރިއަށް ގެންދަން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމުގެ ނަމުގައި ސަރުކާރަށް އެއްބާރުލުންދޭ ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މަރުވި އާންމު ރައްޔިތުންގެ އަދަދު 260 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.