މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވައިފިއެވެ. ދަރުބާރު ގޭގައި ބެއްވި މި ޖަލްސާ ފެށުނީ ޖަލްސާ ފަށަން ބުނި ގަޑިއަށް ވުރެ ގަޑިއެއްހާ އިރު ފަހުންނެވެ.

300 މީހުންނާއެކު ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާގައި، ޕާޓީގެ ލޯގޯ ފާސް ކުރުމާއި، އަސާސީ ގަވާއިދު ފާސް ކުރުމުގެ އިތުރުން އިންތިގާލީ މަގާމުތަކަށް މީހުން އައްޔަން ކުރުން އޮތެވެ.

މިރޭ ފާސްކުރި އެމްއާރުއެމްގެ ލޯގޯއިން ފެންނަނީ އެމް އަކުރެއް ސިފަވާގޮތަށް އޮތް ތީރެކެވެ. އަސާސީ ގަވާއިދުވެސް ބަދަލެއް ނުގެނެސް ވަނީ ފާސްކޮށްފައެވެ.

މިރޭގެ ޖަލްސާގައި އިންތިގާލީ 5 މަގާމަކަށް މީހުން އިންތިހާބު ކުރިއެވެ. ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫން އެމަގާމަށް ހޮވިވަޑައިގަތީ މިރޭގެ ޖަލްސާގައި ބައިވެރިވި މީހުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ރައީސް ކަމަށް މައުމޫނު ފިޔަވާ އިތުރު މީހަކު ކުރިމަތި ނުލާއިރު މިރޭ މެންބަރުން އައްޔަން ކޮށްފައިވާ އިތުރު މަގާމު ތަކަކީ؛

  • އެގްޒެކެޓިވް ކޮމިޓީއަށް 20 މެންބަރުންނާއި،
  • ޒުވާނުންގެ ކައުންސިލްގެ 30 މެންބަރުންނާއި،
  • އަންހެނުންގެ ކައުންސިލްގެ 20 އަންހެން މެންބަރުންނެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަނީ ދީފައެވެ. ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮއާއެކު ހުށަހަޅަން ޖެހޭނެއެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެއެވެ.

އެހެންކަމުން އެމްއާރްއެމަށް އީސީން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން 3313 ފޯމާއެކު ރަޖިސްޓްރީ ވާން އެ ޕާޓީން ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި 3000 މެންބަރުން ހަމަވުމުން އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް އީސީން ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ދެވަނަ ދުވަހެވެ.