ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މާލީދާއިރާ ހަރުދަނާކުރުމަށް އެހީތެރި ވެދޭނަން ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
އެބޭންކުން މިހެން ބުނެފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ވަފުދުން ދާދިފަހުން އައްޑުއަތޮޅަށް ކުރެއްވި ދަތުރާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އައްޑޫއަށް ކުރި ދަތުރަކީ ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދިޔަ ދަތުރެއްކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާއި މިހާރު ސަރުކާރުން ތައާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްގީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ވޯލްޑް ބޭންކުގެ ވަފުދުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުންނާއި އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވޯލްޑް ބޭންކުގެ ވަފްދާއި އެކު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާންކުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގައުމަށް ލިބޭ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބެހިގެންދާނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާ ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކުރިމަގުގައިވެސް އެގުޅުން އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.