ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމުގެ މަގާމުން ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވުމުން އެޕާޓީން މީޑިއާތަކުގައި ދައްކަމުން ގެންދާ ވާހަކަތަކަށް ނާޒިމްގެ އަނބިކަނބަލުން އަފާފު އަބްދުލްމަޖީދު ރައްދު ދެއްވައިފިއެވެ.

ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ނާޒިމް ވިދާޅުވެފައި ވަނީ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ އަށް އައި ބަދަލުތަކާއި ޕާޓީގެ މިސްރާބު ހުރި ގޮތުން ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން މި ވަގުތު ޕާޓީގެ މަސައްކަތްތަކުގައި އުޅުއްވަން ދަތިތަކެއް ހުރުމުން، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ. އެކަމާ ގުޅިގެން ޖޭޕީން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ނާޒިމާއި އެހެން ބޭފުޅުން އެ ޕާޓީގެ މަސައްކަތްތަކުން ފެއަށް ޖެހިވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓު ނުލިބިދާހެން ހީވުމުން ކަމަށް ބެލެވޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ އަފާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަށާއި ނާޒިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހަކު ޖޭޕީއަށް މިއަދު ވަދެގެން ގާސިމަށް އިހުލާސްތެރިއެއް ނުވާނެ ކަމަށެވެ. ލީޑަރުން އިހުލާސްތެރިން ދަންނަން ޖެހޭ ކަމަށް ވިދާޅުވެ އަފާފު ވިދާޅުވީ ނާޒިމަކީ ކުރިންވެސް އަދި މިއަދުވެސް އިހުލާސްތެރިއެއް ކަމަށެވެ.

އަފާފް ތުހުމަތު އެކުރައްވާ "މީހާ" އަކީ މިހާރު ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފެއެވެ. އަލީ އާރިފްވެސް ވަނީ ބައެއް މީޑިއާތަކުގައި ނާޒިމްގެ އިސްތިއުފާއާ ގުޅިގެން ވާހަކަ ދައްކަވާފައެވެ. އެގޮތުން އާރިފް ވިދާޅުވީ، ނިމިގެން ދިޔަ ސަރުކާރުގައި ނާޒިމަށް ނުހައްގުން ލިބުނު އަނިޔާއާއި ޖަލުގައި ބަންދު ކުރުމުން އެންމެ ބޮޑަށް ނާޒިމާއި އާއިލާއަށް އެހީވީ ގާސިމް ކަމަށެވެ. އާރިފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރަން ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތް ނުކުރެއްވި ނަމަ މިއަދު އާ ސަރުކާރު އައިސް އަނިޔާ ތަކުން މިންޖުވުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.