5 ލައްކަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައިފިއެވެ.

5 ލައްކަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިންނެވެ. އެގޮތުން، ކަސްޓަމްސް އިން ބުނީ، މި މަސތުވާތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން ބެންގަލޫރުން ރާއްޖެ އައި އިންޑިއާ ދެ މީހެއްގެ އަތުން ކަމަށެވެ. އަދި މި މީހުން އަތުން އަތުލައިގެންފައިވާ މަސްތުވާތަކެތީގައި 2 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ، އުމުރުން 24 އަހަރާއި 23 އަހަރުގެ ދެމީހުން އަތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ އެމީހުންގެ ފޮށިތެރޭގައި ފޮރުވައިގެން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށެވެ. ކަސްޓަމްސް އިން ބުނީ އެމީހުންގެ ފޮށި ބަލާ ފާސްކޮށްފައިވަނީ އެމީހުންގެ ލަގެޖު އެކްސްރޭ ކުރި އިރު އޭގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ފާހަގަ ކުރެވިގެންނެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު، އެ ވަނީ މަސްތުވާތަޖެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 570،000 އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މައްސަލާގައި ޝާމިލުވާ މީހުން އަދި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.