އަވަހާރަކޮށްލުމަށް ފަލަސްޠީނުގެ މަގުބޫލު ލީޑަރު ޔާސިރު އަރާފަށް ދިން ޕުލޯނިއަމްގެ ވިހަ މާއްދާ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށްވެސް ދީފައިވާކަމަށް ޕާކިސްތާނު މުއްތަހިދާ ޤައުމީ މޫވްމަންޓް (އެމްކިއުއެމް)ގެ ބާނީ އަލްތޯފު ހުސައިން ތުހުމަތު ކޮށްފިއެވެ.

އޭނާ ކުރި ޓްވީޓެއްގައި އަލްތޯފް ހުސައިން ބުނެފައިވަނީ ނަވާޒް ޝަރީފުގެ ހަށިކޮޅުގެ ޕްލޭޓްލެޓް ކައުންޓް ދަށްވެފައި ވާކަމަށެވެ. އަދި ރޭޑިއޯއެކްޓިވް މާއްދާއެއް ކަމުގައިވާ ޕުލޯނިއަމްއަކީ ދުޝްމަނުން ނެތިކޮށްލުމަށް ބޭނުންކުރާ މާއްދާއެއްކަން އެންމެނަށްވެސް އެނގޭކަމަށެވެ. ޕުލޯނިއަމްއަކީ އޭގެ އަސަރު މަޑުމަޑުން ހަށިގަނޑުގެ ތެރެއަށް ފެތުރި، ޕްލޭޓްލެޓްތައް ނެތިކޮށްލާ ބާރުގަދަ މާއްދާއެކެވެ. ނަވާޒް ޝަރީފުގެ ހަށިކޮޅަށް ޕުލޯނިއަމް ވިހައިގެ އަސަރު ކޮށްފައި ވާކަން ދެނެގަނެވޭނީ އެކަމުގެ ތަޖުރިބާ ލިބިފައިވާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ލެބަކަށް ކަމަށްވެސް އަލްތޯފް ހުސައިންގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ކުރިމަތިމަތި ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބު ލިބޭ ފަދަ ގޮތަކަށް އެކުލަވާލާފައިވާ ދިރާސާއެއްގެ ލިންކުވެސް އޭނާވަނީ ފަހުން ޓްވީޓްކޮށްފައެވެ.

އަލްތޯފް ހުސައިންގެ ދިރާސާ ބުނާ ގޮތުގައި ޔާސިރު އަރަފާތުގެ އިތުރުންވެސް ޕުލޯނިއަމް ވިހައިގެ އަސަރުން މަރުވި މީހުން ތަކެއްގެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޕުލޯނިއަމް ވިހައިގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތައްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

ޕުލޯނިއަމްއަކީ ޑީއެންއޭ ހަލާކުކޮށް، ސެލްތައް މަރާލާ ބާރުގަދަ މާއްދާއެކެވެ. ހަށިގަނޑަށް ޕުލޯނިއަމްގެ އަސަރުކޮށްފިނަމަ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ. ނޭވާލާ ނިޒާމުގެ ތެރެއަށް ޕުލޯނިއަމްގެ ވިހަ މާއްދާ ވަދެއްޖެނަމަ ފުއްޕާމޭގެ ކެންސަރު ޖައްސައެވެ. ޕުލޯނިއަމް ކެވިއްޖެނަމަ ހަށިގަނޑުގެ ތެރޭގައި ދައުރުކުރާ ރެޑް-ބްލަޑް ސެލްސްއަށް އެ މާއްދާތައް ދަމައިގަނެ، އެތެރެ ހަށީގެ މުހިންމު ގުނަވަންތައް ކަމުގައިވާ ކިޑްނީއާއި ލިވާގެ އިތުރުން ބޯންމެރޯ ހަލާކުކޮށްލައެވެ.

ހިޔާނާތާ ކޮރަޕްޝަންގެ މައްސަލަތަކެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަވާޒް ޝަރީފުގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ދެރަވުމުގެ ސަބަބުން ކަފާލާތުގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފައެވެ. ހަށިކޮޅުގައި ޕްލޭޓްލެޓް ކައުންޓް އިންތިހާއަށް ދަށްވުމުގެ ސަބަބުން އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާގެ އަމިއްލަ ގެކޮޅަށް ނަވާޒް ޝަރީފު ބަދަލުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ނަވާޒް ޝަރީފުގެ ގެކޮޅުގައި އައިސޫއެއް ގާއިމުކޮށް ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އިތުރު ބަޔަކަށް ނަވާޒް ޝަރީފުގެ ގާތަށް ޒިޔާރަތް ނުކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

ނަވާޒް ޝަރީފަށް ޕުލޯނިއަމްގެ ވިހަ ދީފައިވާކަމަށް ކުރާ ތުހުމަތުތަކަށް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.