ނެދަލެންޑްސްގެ އެމްސްޓަޑޭމް ސިޓީގެ ޝިފޯލް އެއާޕޯޓް ކުށްލި ހާލަތަށް ގެންނަން ޖެހުނީ، މަތިންދާ ބޯޓު ހައިޖެކް ކުރިކަން ގްރައުންޑް ކުރޫއަށް އަންގައިދިނުމަށް އިންޒާރުދޭ ފިތަށް، ޕައިލެޓަކަށް އޮޅިގެން ފިތާލެވުމުން ކަމަށް ޚަބަރު ލިބިއްޖެއެވެ.

ނެދަލެންޑްސްގެ ފުލުހުން ވަނީ ޝައްކުކުރެވޭ ހާލަތެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ އެގަޑީގައި ޓްވީޓެއްވެސް ކޮށްފައެވެ.

ޝިފޯލް އެއާޕޯޓަކީ ވިލާތުގެ އެންމެ ބިޒީ އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓަށް ވި ނަމަވެސް، ހައިޖެކް އިންޒާރާއެކު އެއާޕޯޓްގެ ބޮޑު ބައެއް އެލާޓަށް ގެނައެވެ. ނަމަވެސް އޭގެ ގަޑިއިރެއް ހާއިރު ފަހުން އެއާޕޯޓް އާންމު ހާލަތަކަށް ގެނައީ، ހައިޖެކް އިންޒާރުގެ އެލާމް އެޅީ ޕައިލެޓަށް އޮޅިގެން އެ ފިތަށް އޮބާލެވުމުން ކަމަށް އެއާ ޔޫރަޕާއިން އިއުލާންކުރި ހިސާބުންނެވެ.

ޣައިރު ގާނޫނީ ގޮތަކަށް ޕައިލެޓަށް ނުފޫޒެއް ފޯރުވާނަމަ 7500 ކޯޑު ޖަހައިގެން ގްރައުންޑް ކުރޫ އަށް އިންޒާރު ކުރެވޭ ގޮތަށް ވައިގެ އުދުހުންތަކާ ބެހޭ އެމެރިކާގެ އިދާރާ (އެފްއޭއޭ)އިން އޮންނަނީ ކަނޑައަޅާފައެވެ.

ހަގީގަތުގައިވެސް އެއްވެސް ހާދިސާއެއް ނުހިނގާ ކަމަށާ ހުރިހާ ފަސެންޖަރުންވެސް ތިބީ ސަލާމަތުން ކަމަށް ބުނެ އެއާ ޔޫރަޕާއިންވަނީ މައާފަށްވެސް އެދިފައެވެ.

ހައިޖެކް ކުރި ކަމުގެ އިންޒާރު އެޅީ ސްޕެއިންގެ މެޑްރިޑަށް ދަތުރުކުރަން އޮތް ފްލައިޓަކުންނެވެ.