މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
އެމްއާރްއެމް އުފެއްދުމުގެ ގޮތުން ބާއްވާ މި ޖަލްސާގައި ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމާއި ހަމައަށް ޕާޓީގެ އިންތިގާލީ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުން އޮންނާނެއެވެ. އެގޮތުން، އެ ޕާޓީން ވަނީ ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި 5 މަގާމަކަށް މީހުން އައްޔަން ކުރުމަށް ނިންމާފައެވެ.
އެމްއާރްއެމް އުފެއްދުމަށް ބާއްވާ ޖަލްސާގައި އިންތިހާބުކުރާ އިންތިގާލީ މަގާމުތައް:
- ރައީސް
- އެގްޒެކެޓިވް ކޮމިޓީއަށް 20 މެންބަރުން
އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރާ 20 މެންބަރުންގެ ތެރެއިން 10 މެންބަރުންނަ ވާންވާނީ އަންހެން މެންބަރުންނަށް ކަމަށް އެޕާޓީން ބުނެއެވެ.
- ޒުވާނުންގެ ކައުންސިލްގެ 15 ފިރިހެން މެންބަރުން
ޒުވާނުންގެ ކައުންސިލަށް އިންތިހާބު ކުރާ 15 ފިރިހެން މެންބަރުން ވާންވާނީ އުމުރުން 30 އަހަރު ނުފުރޭ މެންބަރުންނަށެވެ. އަދި މި މަގާމަށް އިންތިހާބު ކުރެވޭ 15 ފަރާތުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 6 މެންބަރުން އެގްޒެކެޓިވް ކޮމިޓީހައި ހިމެނޭނެއެވެ.
- ޒުވާނުންގެ ކައުންސިލްގެ 15 އަންހެން މެންބަރުން
ޒުވާނުންގެ ކައުންސިލަށް އިންތިހާބު ކުރާ 15 އަންހެން މެންބަރުން ވާންވާނީ އުމުރުން 30 އަހަރު ނުފުރޭ މެންބަރުންނަށެވެ. އަދި މި މަގާމަށް އިންތިހާބު ކުރެވޭ 15 ފަރާތުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 6 މެންބަރުން އެގްޒެކެޓިވް ކޮމިޓީހައި ހިމެނޭނެއެވެ.
- އަންހެނުންގެ ކައުންސިލްގެ 20 އަންހެން މެންބަރުން
އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަނީ ދީފައެވެ. ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮއާއެކު ހުށަހަޅަން ޖެހޭނެއެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެއެވެ.
އެހެންކަމުން އެމްއާރްއެމަށް އީސީން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން 3313 ފޯމާއެކު ރަޖިސްޓްރީ ވާން އެ ޕާޓީން ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި 3000 މެންބަރުން ހަމަވުމުން އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް އީށީން ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ދެވަނަ ދުވަހެވެ.