އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާ ބެހޭ މައުލޫމާތު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާ ހިއްސާ ކުރައްވާފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އޭރުގެ ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އޭނާއަށް ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް މަރު ކޮމިޝަނާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެންބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް މިހެން ވިދާޅުވެފައި ވާއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލައިގެން މިހާތަނަށް ހިންގި ތަހުގީގުތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދެން ވެސް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ އާއިލާ އިން ބުނުމާ ގުޅިގެން މަރު ކޮމިޝަނުގެ ރައީސް، ހުސްނުއްސުއޫދު ވަނީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުންގެ މައުލޫމާތު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް މިދިޔަ އޮކްޓޯބަރު މަހު 2 ވަނަ ދުވަހު ވިދާޅުވެފައެވެ. ނަމަވެސް، ސުއޫދު މިފަދައިން ވިދާޅުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުންގެ މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސް ސޯލިހާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެއެވެ.

އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރު ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައި ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީއެވެ.