ކްރިމިނަލް ކޯޓު ހިނގަން ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފިއެވެ.

ގާޒީ އަލީރަޝީދަށް ކްރިމިނަލް ކޯޓު ހިނގުމަށް ހަމަޖައްސާފައި މިވަނީ މިއަދު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރުމަށް ނިންމީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށާއި ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ކުރިން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީ ކަމުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި މިއަދު ޖޭއެސްސީ އަށް ހާޒިރުވާން ވަނީ އަންގާފައެވެ. ކަން ހިނގި ގޮތް ނޫސް ބަޔާނަކުން ހާމަކޮށްދީފައިވާ ކަމަށް ވިދާޅުވެ ހައިލަމް ޖޭއެސްސީ އަށް ހާޒިރުވެވަޑައި ނުގަތުމުން ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.

ހައިލަމް މިއަދު ސަސްޕެންޑް ކޮށްފައިވާ އިރު މއިަދު މެންދުރު 1:00 އަށް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް މިހާރު ޔާމީނުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.