އެއްލައްކަ ގެ އެޅޭހާ ފައިސާ ދައުލަތުން "ވަން ޝޮޓުން" ނޫމަޑިއަށް ދައްކާފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އަބަދުވެސް ވައުދުވަމުން މި އަންނަނީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ރައްކާތެރިވުަމަށް ކަމަށާއި މިއަދު ހުވާކޮށްގެން މިތިބީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ރައްކާތެރިވުމަށް ކަމަށެވެ. ނަމަވެސް ދައުލަތުން އެއްލައްކަ ގެ އެޅޭހާ ފައިސާ ނޫމަޑި ކިޔާ ކުންފުންޏަޔަކަށް "ވަން ޝޮޓުން" ދައްކާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނަގުދު ފައިސާއިން އެހާ ބޮޑު އަދަދެއް ދައްކާފައިވާ ކަން ފާގަހަކުރައްވާ ނޫމަޑިން ކުރީ ކޮންކަމެއް ތޯ އައްސަވާ ޖާބިރު ސުވާލު ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ކަންކަން ތަރުތީބު ކުރުމައްޓަކައި މެނިފެސްޓޯއާއި ކަން ކުރާނެ ގޮތުގެ އުންމީދީ ވައުދުތަކަކާއި އެކު ސަރުކާރެއް ގާއިމުވެގެން އަންނަ ކަމަށް ޖަބީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އިންތިގާލީ ގޮތުން އިންތިޒާމުތައް ހަމަޖައްސަވާ އަދުލުވެރިކޮށް މީސް މީހުންނަށް ގެއްލިފައި ހުރި ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެން ނަމަވެސް ބައެއް ވަޒީރުންގެ ތިމާގެ މީހުންނަށް ބަދަލު ދިނުމާއި ބައެއް ވަޒީރުންނަށް ބައި އަޅާ ގޮތަށް ދައުލަތުގެ ބޮޑެތި ކޮންޓްރެކްޓްތައް 850 މިލިއަން ރުފިޔާގެ ގޮތުގައި ނޫމަޑިއަށް ދިނީ އެއްވެސް ގާނޫނީ އިޖުރާއަތެއް ކޮމްޕްލީޓް ކޮށްފައި ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މަޖިލީހުން އެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އެއީ ޓެކްސްގެ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގައި ޖާބިރު ވަނީ ފިނޭނސް މިނިސްތަރު އަރިހުން ނޫމަޑިއާ ބެހޭ ގޮތުން ސުވާލު ކުރުމަށް އެދި ހުށަހަލާފައެވެ. އެގޮތުން ޑީއާރުޕީގެ ލީޑަރު ޖާބިރު، ހުށަހެޅުއްވީ އާބިޓްރޭޝަނުން ވަކި ގޮތަކަށް ނުނިމެނީސް ދިވެހިންގެ ފައިސާ އިން އެތައް މިލިއަން ޑޮލަރެއް ބަދަލުގެ ގޮތުގައި ދިނީ ކޮން ހައިސިއްޔަތަކުންތޯ އަމީރުގެ އަރިހުން އެއްސެވުމަށެވެ.

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު، ސަރުކާރުން ވީ އެއްބަސްވުން އުވައިލުމުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ހާޒިރުކުރިއެވެ. ކުރީގެ ދެ ސަރުކާރަކުން ނޫމަޑިއާ އެކު ހެދި ދެ އެގްރިމެންޓެއް ބާތިލް ކުރުމުން، ކޯޓުން ބޭރުގައި އާ ސަރުކާރުން ބަދަލެއްގެ ގޮތުން 55 މިލިއަން ޑޮލަރު ދިން މައްސަލައާއި ގުޅިގެން ކޮމެޓީގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަން މުއިއްޒު ވަނީ އުޒުރުވެރި ވެވަޑައިގެންފައެވެ.

ނޫމަޑިއާ އެކު އެއްބަސްވެފައި ވަނީ އެކި ރަށްތަކުގައި 1،100 ހައުސިން ޔުނިޓް އެޅުމަށެވެ. ނަމަވެސް މި އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުހުންވައިގެން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅާފައިވަނީ 2017 ވަނަ އަހަރުއެވެ.

ނޫމަޑި ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅާފައި ވެއެވެ. އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ޖެނުއަރީ، 20، 2011 ގައި ސޮއިކުރި އެއްބަސްވުން ބާތިލް ކުރުމެވެ. އަދި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން މެއި، 30، 2013 ގައި ސޮއި ކުރި އެއްބަސްވުމުގެ މައްސަލައެވެ.

މީގެ އިތުރުން، ޖާބިރު ވަނީ އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 20،000 ހައުސިން ޔުނިޓް އަޅަން ބަޖެޓު ކުރި އިރު، ދިވެހި ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ލިބުމާ ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކަށް ހަރަދު ކުރަން ޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާ އެކު ބަލައި އެ އަދަދެއްގެ 70 ޕަސަންޓު ސަރުކާރުން ދޭ ގޮތަށް ހަމަޖައްސައިދޭން އެދި ގަރާރެއް ހުށަހަޅުއްވާފައެވެ.