ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތަކުރާރުކޮށް ކަށިގަނޑު ފުމުމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާއަށް އަދަބު ދެއްވައިފިއެވެ.

މަޖިލީހުގައި ކަށިގަނޑު ފުމުމުން، ޓޮމްގެ ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަންނަން އެންގެވުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ، މިއަދުގެ ރިޔާސަތުން މެމްބަރަށް އަދަބެއްގެ ގޮތުން ތަޅުމުން ބޭރަށް ވަޑައިގެން، ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނަވަން އެންގެވިއެވެ.

މަޖިލީހުގައި ކަށިގަނޑު ފުމެމުންދާތީއާއި އަޑުގަދަ ކުރައްވަމުން ގެންދެވުމުން ރައީސް ނަޝީދު ވަނީ ޓޮމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އަންގަވައިފައިވާ ނަމަވެސް މަޖިލީހުގެ ރައީސްގެ އެންގުމަށް ބެއްލެވުމެއް ނެތި ޓޮމްއާއި ޝިޔާމް މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައެއް ނުގަންނެވައެވެ. އަދި ޓޮމް ގެންދެވީ މަޖިލީހުގެ މެންބަރުންގެ ވާހަކަތަކަށް ހުރަސް އެޅޭ ގޮތަށް ކަށިގަނޑު ފުމުމުންނެވެ.

މިއަދު މަޖިލީހުގައި ބަހުސް ކުރަމުން ދަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަކަށެވެ. އެ މައްސަލައަކީ އެއްވެ އުޅުން ހަނިވާ ގޮތަށް ގާނޫނުއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުން ލަސްވާތީ ހުށަހެޅި މައްސަލައެކެވެ. ނަމަވެސް މިއަދުގެ ބަހުސްގައިވެސް ދެއްކެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ވާހަކައެވެ.

ހައިލަމް އިއްޔެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވި ގޮތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ސިފަވާ ގޮތަށް ކުރަހާފައި އޮތް ކުރެހުމެއްގައި އެ ފަރާތްތަކުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއްގެ ސަބަބުން ވަނީ ހައިލަމް ސަސްޕެންޑްކޮށް، ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފައެވެ.

ރައީސް ނަޝީދު ޓޮމް އަށް އިއްޔެވެސް އަދަބު ދެއްވާފައި ވަނީ، ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވުމާ ގުޅިގެން އިއްޔެގެ މަޖިލިސް ހޫނުވެފައިވާ ވަގުތެއްގައި މަޖިލިސް ތަޅުމުގައި ކަށިގަނޑު ފުންމެވުމުގެ ސަބަބުންނެވެ.

އިއްޔެގެ މަޖިލީހުގައި ބައެއް މެންބަރުން ވާހަކަ ދައްކަވަން ފެށްޓެވުމުން، އިދިކޮޅު މެންބަރުން ކަށިގަނޑު ފުންމަވައި މަޖިލީހުގައި އަޑުގަދަ ކުރައްވާފައިވެއެވެ. އެގޮތުން ޓޮމް ކަށިގަނޑު ފުންމެވުމުން، އޭނާއަށް އަދަބު ދެއްވާފައިވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވުމަށްފަހުއެވެ. ނަމަވެސް، މަޖިލީހުގައި އަޑުގަދަކޮށް، ކަށިގަނޑު ފުންމެވުން ނުހުއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ދެން މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުންމަވާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް ޓޮމް އަށް ވަނީ އަންގާފައި ވީ ނަމަވެސް އެގޮތަށް އެ އިބާރާތް ތޯރިގު ލިޔެފައި ނުވާކަން ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ފާހަގަކުރައްވައިފައެވެ.

ނަވަރާވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން އައި ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވި އެއް ވާހަކައަކީ މަޖިލިސް މެންބަރުންގެ އަހްލާގީ މިންވަރު ހިފެހެއްޓުމުގެ ގޮތުން މަޖިލިސް ކުރިއަށް ގެންދާނީ މަދަރުސާއެއް ހިންގާނެ ރިވެތި އުސޫލުން ކަމަށެވެ.