ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމަރާތްކުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޔާ ޕްރޮޖެކްޓުގަ ދަށުން އެ ކުންފުނިން އިމަރާތްކުރާ ފްލެޓްތަކަށް ޕޮއިންޓްދެވޭ އުސޫލު އިސްލާހުކުރެވި، ފްލެޓްތަކަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއް ހެނދުނު 10:00 އިން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށް ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
ފްލެޓަށް އެދޭފޯމް، ފްލެޓްތަކަށް ޕޮއިންޓުދެވޭ އުސޫލު އަދި މައުލޫމާތު ޝީޓް މިހާރު ލިބެން ހުންނާނެކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ހިޔާ ޕްރޮޖެކްޓުގެ ފްލެޓްތަކަށް އެދި ކުރިން ފޯމް ހުށަހަޅާފައިވަ މުވައްޒަފުންވެސް ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމާއެކު ލިޔެކިޔުންތައް އަލުން ހުށަހަޅަންޖެހޭކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލް އިން ހުޅުމާލޭގައި ހަދާ 14 ބުރީގެ ތިން ޓަވަރުގައި ހިމެނޭ 534 ފްލެޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ދެއެވެ. ބާކީ ފްލެޓުތައް ދޭން ހަމަޖައްސާފައި ވަނީ އާންމުންނަށެވެ. އެމްޕީއެލުން ހަދާ ތިން ޓަވަރުގައި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 204 އެޕާޓްމަންޓް ހިމެނެ އެވެ. އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ އެމްޕީއެލުން ހަރަދު ކުރެ އެވެ. އެމްޕީއެލުން ޓަވަރުތައް ހެދުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.