ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތަކުރާރުކޮށް ކަށިގަނޑު ފުމުމުން، މަޖިލީހުގެ ރައީސް، ރައީށް މުހައްމަދު ނަޝީދު އޭނާއަށް އަދަބު ދެއްވައިފިއެވެ.

ރައީސް ނަޝީދު ޓޮމް އަށް އަދަބު ދެއްވީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވުމާ ގުޅިގެން މިއަދުގެ މަޖިލިސް ހޫނުވެފައިވާ ވަގުތެއްގައި މަޖިލިސް ތަޅުމުގައި ކަށިގަނޑު ފުންމެވުމުގެ ސަބަބުންނެވެ.

މިއަދުގެ މަޖިލީހުގައި ބައެއް މެންބަރުން ވާހަކަ ދައްކަވަން ފެށްޓެވުމުން، އިދިކޮޅު މެންބަރުން ވަނީ ކަށިގަނޑު ފުންމަވައި މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. އެގޮތުން ޓޮމް ކަށިގަނޑު ފުންމެވުމުން، އޭނާއަށް އަދަބު ދެއްވާފައިވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވުމަށްފަހުއެވެ. ނަމަވެސް، މަޖިލީހުގައި އަޑުގަދަކޮށް، ކަށިގަނޑު ފުންމެވުން ނުހުއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ދެން މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުންމަވާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް ޓޮމް އަށް އަންގަވާފައެވެ.

"އަޅުގަނޑު މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު 100 ފަހަރު ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން، އެގޮތަށް މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުއްވުމަށް ދަންނަވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓޮމްއަށް އަދަބު ދެއްވުމަށްފަހު، މަޖިލީހުގެ ތެރެއިން އިތުރަށް ކަށިގަނޑުގެ އަޑު އިވިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓު ޖުޑިޝަރީ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތާއި ބެހޭގޮތުން މަޖިލީހުގައި ބަހުސް ކުރަމުން ދަނިކޮށް، ބައެއް މެންބަރުން ވަނީ އެކޯޓުގެ އިސްގާޒީ ހައިލަމް އިއްޔެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވި ގޮތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ސިފަވާ ގޮތަށް ކުރަހާފައި އޮތް ކުރެހުމެއްގައި އެ ފަރާތްތަކުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް ވަނީ އާންމުވެފައެވެ.

ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ކުރެހުމުގައި 3 ނޮވެމްބަރު 1988 ގައި ލަންކާ ބަޔަކާ ގުޅިގެން ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަޣާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް ސޯލިހާއި ރައީސް ނަޝީދާއި އަދި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވެއެވެ. އަދި އެ ޗޭނު ހިފަހައްޓައިގެން ޝަހީދު ހުސައިން އާދަމް ހުންނެވި އިރު، އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" ލިޔެފައި އޮވެއެވެ.