ނޫމަޑީގެ ކޮރަޕްޝަންގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ކުރި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވައި، ބައެއް ކަންކަން ނެނގޭ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކޮމެޓީގައި މުއިއްޒާ ސުވާލު ކޮށްފައި ވަނީ ކުރީގެ ދެ ސަރުކާރަކުން ނޫމަޑިއާ އެކު ހެދި ދެ އެގްރިމެންޓެއް ބާތިލް ކުރުމުން، ކޯޓުން ބޭރުގައި އާ ސަރުކާރުން ބަދަލެއްގެ ގޮތުން 55 މިލިއަން ޑޮލަރު ދިން މައްސަލައެވެ. މުއިއްޒާ ކޮމެޓީގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަން ވަނީ އުޒުރުވެރި ވެވަޑައިގެންފައެވެ.

އެގޮތުން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަށް މުއިއްޒަށް ޖަވާބު ދެއްވިފައި ނުވާއިރު އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް އޭނާ ބަޔާން ދެއްވިކަމަށް، މި ސަރުކާރުގެ ބައެއް ބޭފުޅުން ކުރައްވާ ތުހުމަތަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބެއެވެ. އެގޮތުން އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާން ހަވާލުކުރެއްވީ ކާކާތޯ ލަބީބު ސުވާލު ކުރެއްވި ނަމަވެސް ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެ ބަޔާން ހަވާލު ކުރައްވާފައި ވަނީ ދަންނަ މީހެއްގެ އަތަށް ނޫން ކަމަށެވެ.

މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އެއް ސުވާލެއް ދެފަހަރަކު ކުރައްވާފައެވެ. ސަބަބަކީ މުއިއްޒުގެ ބަޔާނުގެ ސަބަބުން ދައުލަތަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވާތީއެވެ. އެގޮތަށް ވިދާޅުވެފައި ވާތީ އަސްލަމް އެދިވަޑައިގަތީ އެ ބަޔާން އޭނާ ބައްލަވާ ލައްވަން ދެއްވުމަށެވެ. އަދި ސިއްރެއްގެ ގޮތުގައި ބާއްވަން މުއިއްޒު އެދިވަޑައިގެންފި ނަމަ ސިއްރުކުރައްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީގައި އެ ނޫން ވެސް ބައެއް ސުވާލުތަކަށް މުއިއްޒަށް ސީދާ ޖަވާބެއް ނުދެއްވެވުނެވެ. އަދި އާބިޓްރޭޝަނަށް އޭނާ ބަޔާން ދެއްވި ގޮތާ ބެހޭ ގޮތުން ކުރެއްވި ސުވާލުތަކަށްވެސް ދެއްވީ ކުރު ޖަވާބުތަކެކެވެ. ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކާ ހިތްހަމަޖެހިވަޑައި ނުގެންނެވުމުން، މަޖިލިހުގެ ކޮމިޓީގައި ޖަވާބުދާރީ ވާއިރު ކަން ކުރަންވާ ގޮތް، އިލްޔާސް ވަނީ ގާނޫނުއަސާސީއާ ހަވާލާދެއްވާ ހަނދާން ކޮށްދެއްވައިފައެވެ.

ނޫމަޑިއަށް އެވަރުގެ ބޮޑު ބަދަލެއް ދޭން ޖެހުނީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާނެއްގެ ސަބަބުން ކަމަށް، މިހާރުގެ ސަރުކާރުގެ ބައެއް ވެރިން ތުހުމަތު ކުރައްވައެވެ. އެކަމަކު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނޫމަޑިއަށް ބޮޑު ބަދަލެއް ދިނުމަކީ ހައުސިން މިނިސްޓްރީގައި މިދިޔަ ސަރުކާރާއި މިސަރުކާރުގައި ވެސް އުޅުއްވާ ބޭފުޅަކު ގަސްދުގައި އެ އަމާޒަށް ގެންދަވަން ވެގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.