ސައިކްލޯން މަހާ އިންޑިއާގެ ގުޖުރާތަށް އަރާނެކަމަށް އިންޑީއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އަރަބި ކަނަޑުގައި އުފެދުނު މި ތޫފާނަށް ދެވިފައިވާ ނަމަހީ "މަހާ" އެވެ. މި ދިޔަ ބުދަ ދުވަހު އުފެދުނު މި ތޫފާން ވަނީ ވޭތުވެ ދިޔަ ދެ ތިން ދުވަސްތެރޭ ހުޅަނގު އުތުރަށް ދައުރުކުރަން ފަށާަފއެވެ. އަދި އެ ތޫފާނު ދަނީ ބާރުގަދަވަމުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު ބުނީ، އަންނަ ބުދަ ދުވަހު ގުޖުރާތުގެ އައްސޭރި ފަށުގައިވާ ދްވަރްކާ އަދި ދިއު އަވަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ ސަރަހައްދަށް ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ރޭ ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރު ފަހުން މޫސުން ވަރަށް ގޯސް ވާނެ ކަމަށާއި މިނ ތޫފާނުގެ އަސަރު ކުރަން ފަށާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން އޭސީސީޔޫވެދާއިން ބުނީ ތޫފާން މަހާ ގެ ބާރު ކެޓަގަރީ 3 އަށް އެރުން އެކަށީގެންވާ ކަމަށެވެ. ތޫފާން މަހާގެ ސަބަބުން ވައި ގަދަވެ މޫސުން ގޯސްވެ ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.

އޭސީސީޔޫ މޫސުން ދައްކާ ގޮތުގެ ފޮޓޯއެއް

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖަޔަންތާ ސަރުކާރު ވިދާޅުވީ، މި މަހުގެ 6 އަދި 7 ވަން ދުވަހު މި ސައިކްލޯނިކް ތޫނާފް މަހާ ގުޖުރާތުގެ ދެކުނުގެ ހިސާބަށް ފޯރާނެ ކަމަށާއި އެ ދެދުވަހު އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެ ރޫފާން ދަތުރު ކުރަނީ އޮމާނުން ގުޖުރާތާ ދިމާއަށް ކަމަށާއި މާދަމާއާ ހަމަައަށް ގުޖުރާތާ ހަމައަށް އެ ތޫފާނުގެ ކެރީގެ އަސަރު ކުރަން ފަށާނެ ކަމަށް ވެސް ޖަޔަންތާ ސަރުކާރު ވިދާޅުވިއެވެ.

އޮފިޝަލުން ވިދާޅުވީ، ސައުރާޝްޓްރަ ސަރަަހައްދުގެ ބަނދަރުތަަކަށް ނުރައްކާތެރި ކަމުގެ ސިގްނަލް 2 ދީފައިވާނެ ކަމަށާއި އަދި އެ ސަރަހައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުތަކާއި މަސްވެރިންނަށް ކަނޑުމައްޗށް ނުނިކުމަށްވެސް އަންގާފައި ވާނެ ކަމަށެވެ.

ސައިކްލޯން މަހާގެ ސަބަބުން ރާއްޖޭގެ މޫސުން ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އިއުލާންކޮށްފައެވެ.