އިންޖީނު ހުއްޓިފައި އޮތް އިރާނު ބޯޓަކަށް ފުލުހުން އެހީވާން ފަށައިފިއެވެ.

ފުލުހުން ބުނީ، އދ. މަންދޫ ބޭރުން ރާއްޖޭން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން މަންދޫއާ ދިމާލަށް އޮޔާދާ ކަމުގެ މައުލޫމާތު މިއަދު 8:20 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ފުލުހުން ވަނީ އެ މައުލޫމާތު ކޯސްޓް ގާޑާ ހިއްސާކޮށް، އެ ސަރަހައްދަށް ގޮސްފައެވެ. އަދި މިއީ އީރާނުގެ ބޯޓެއްކަން އެނގިފައި ވަނީ އެ ބޯޓަށް އަރާ ބެލުމުން ކަމަށާއި އެ ބޯޓުގައި އިރާނުގެ 7 ފިރިހެނުން ތިބި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަމުގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިރާންގެ ބޯޓެއް ރާއްޖެ ސަރަހައްދުން އޮޔާދާތީ ފުލުހުން ހަރަކާތްތެރި ވަމުން ދާއިރު ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިރާންގެ ބައެއް ބޯޓުތައް ރާއްޖޭގެ ސަލާމަތީ ބާރުތަކުން މީގެކުރިން ވަނީ ހިފަހައްޓާފައެވެ.

އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ އޮކްޓޯބަރު މަސްތެރޭގައި އިރާނުގެ ބޯޓެއް ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުންނެވެ. އެއީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދެވެ. މި ބޯޓުން އުޅުނީ ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަށެވެ.