ލިޕްސިން ކޮށްފައިވާ ހެއްވާ މަޖާ މަންޒަރުތައް ހިއްސާކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކްއާއި ދެކޮޅަށް، ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް އެމެރިކާއިން ބަލަން ފަށައިފިއެވެ.

ޓިކްޓޮކްއާއި ދެކޮޅަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މައްސަލައެއް ބަލަން ފަށާފައިވަނީ، ޓިކްޓޮކްގެ ވެރި ކުންފުނި ކަމަށްވާ ބީޖީންގް ބައިޓްޑާންސް ޓެކްނޮލޮޖީއިން އެމެރިކާގެ ސޯޝަލް މީޑިއާ އެޕް 'މިއުޒިކަލް.ލީ'، 1 ބިލިއަން ޑޮލަރަށް ގަތުގައި ގުޅުވައިގެން ކަމަށް ޚަބަރު ލިބެއެވެ.

ޓިކްޓޮކްގެ ދަށަށް މިއުޒިކަލް.ލީ ގެންދިއުމަށް ކަނޑައެޅި 1 ބިލިއަން ޑޮލަރުގެ އެކުއިޒަން ފީ ދައްކާ ހަލާސްކުރި ތާ 2 އަހަރު ފަހުން މިމައްސަލަ ބަލަން ފަށާފައި މިވަނީ، ޓިކްޓޮކްއާއި ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވާން ފެށުމާއެކުގައެވެ. އެގޮތުން ސިޔާސީ ގޮތުން ހައްސާސްކަން އެކުލެވޭ ކޮންޓެންޓް ސެންސަރު ކުރަމުންދާ ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވާއިރު، ޓިކްޓޮކްއިން ޒާތީ މައުލޫމާތު ރައްކާކުރާ ގޮތާ ގުޅިގެންވެސް ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

ޗައިނާގެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ބަލަން ފަށާފައި މިވަނީ، ޗައިނާއާއި އެމެރިކާއާއި ދެމެދު ހައްލު ނުލިބި އޮތް ވިޔަފާރީގެ ވަރުގަދަ ހަނގުރާމައެއްވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓިކްޓޮކްއާއި ދެކޮޅަށް ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ބެލުމުގެ ފުރުސަތު ފަހިވަނީ، ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ އެމެރިކާގެ ކޮމިޓީ (ސީފިއަސް)ގެ މަޝްވަރާ ނުހޯދާ ޓިކްޓޮކްއިން މިއުޒިކަލް.ލީ ގަތުމުގެ މުއާމަލާތް ހިންގާފައިވާތީއެވެ.

ޓިކްޓޮކްގެ ސަބަބުން އުފެދޭ މައްސަލަތައް ބޮޑުވެ، ބައެއް ގައުމުތަކުންވަނީ ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފައެވެ.