15 އަހަރުން ދަށުގެ ކުއްޖަކާ ބެހުނު ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ދީފިއެވެ.
މެދުރާއްޖެ ތެރޭ ރަށެއްގެ 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލަ އިއްޔެ 11:00 ހާއިރު ފުލުހުންނަށް ހުށަހަޅުމުން، އެމީހާ ހައްޔަރުކޮށް އެމީހާގެ ބަންދަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ، 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި މި މީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާރަކަށް އައިސް، ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި، ޖިންސީ ފުރައްސާރަ ކުރުން މިިވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެގޮތުން، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ ޖުމުލަ 125 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ޖިސްމާނީ ހާނީއްކައިގެ 27 މައްސަލައަކާއި ޖިންސީ ހާނީއްކައިގެ 24 މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލައެއް ހިމެނެއެވެ.