ސީރިއާގައި ހިނގާ ހަނގުރާމައާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ތުރުކީން 25 ދިވެހިން ޑީޕޯޓުކޮށް، 134 ދިވެހިން ބްލެކްލިސްޓު ކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ހާމަކޮށްފިއެވެ. ނަމަވެސް މި 25 މީހުންނާ ބެހޭ މައުލުމާތެއް ދިވެހި އެއްވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
އަލްޖަޒީރާއިން މިހެން ބުނެފައިވަނީ ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލައާ ގުޅޭގޮތުން "101 އީސްޓް އަލްޖަޒީރާ - ޓްރަބަލް އިން ޕެރެޑައިސް"ގެ ނަމުގައި ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީއެއްގައެވެ. މި ޑޮކިއުމެންޓްރީގައި ތުރުކީ ސަކުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ، ސީރިއާގައި ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ 25 އަށް ވުރެ ގިނަ ދިވެހިން ޑީޕޯޓް ކޮށްފައިވާ ކަމަށާއި، 134 ދިވެއްސަކު ތުރުކީ ސަރުކާރުގެ ބްލެކް ލިސްޓްގައި އެބައޮތް ކަމަށެވެ.
ހަނގުރާމައަށް ދިއުމުގެ ނުވަތަ ދާން އުޅުނު ކަމުގެ ތުހުމަތުގައި ބައެއް ދިވެހިންގެ މައްޗަށް މީގެކުރިން ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ކޮށްފައި ވީނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ދައުވާއެއް ސާބިތުވެފައެއް ނުވެއެވެ. އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި މިކަމާ ބެހޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުގައި، މި ދައުވާތައް ސާބިތު ނުވަނީ، ހަނގުރާމައަށް ދާމީހުން ސީރިއާއަށް ދިޔަކަމަށް އިންކާރު ކުރުމުންނާއި، ޕާސްޕޯޓަކާއި ވެސް ނުލާ ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ހުރަސް ކުރާތީ، އެކަމުގެ އެއްވެސް ހެއްކެތް ނެތުމުންނެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖެ ސަރުކާރަށް އެނގިފައިވާ ގޮތުގައި، ރާއްޖެއިން މި ހަނގުރާމަތަކަށް ގޮސްފައިވަނީ 300 އެއްހާ މީހުން ކަމަށެވެ. ނަމަވެސް، ބައިނަލްއަގްވާމީ އިންޓެލިޖެންސް އެޖެންސީތަކުން ބުނާ ގޮތުގައި މި އަދަދު 1000 އަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސީރިއާގެ ހަނގުރާމައަށް ދާން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ދިވެހިން ބްލެކް ލިސްޓް ކުރިއިރު، ދާދި ފަހުން ރާއްޖޭގައި ވަނީ ޓެރަރިޒަމްގެ ގާނޫނެއް އެކުލަވާލާފައެވެ. އެ ގާނޫނުގެ ދަށުން ހަނގުރާމާގައި ބައިވެރި ނުވިޔަސް، ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ހިނގައްޖެ ނަމަ، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެމީހަކަށް އަންނާނެއެވެ.