މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައުން ކައިރީގައި 2 ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވި އިރު އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ، މޭރީ ބްރައުން ކައިރިން 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު ފަހު 3:45 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ލިބިފައި ވާއިރު އޭގެ ތެރޭގައި އަނިޔާ ލިބިފައިވަނީ އަންހެނަކަށާއި 2 ފިރިހެނުންނަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަނިޔާ ލިބިފައިވަނީ 36 އަހަރުގެ އަންހެނަކަށާއި 28 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނަކަށެވެ. އަދި މިހާރު މި ތިން މީހުންނަށް އައިޖީއެމްއެޗްއިން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަނިޔާވި އަންހެންމީހާގެ ބޯ ފަޅާއިގެން ގޮސް ފައިގައި ރެނދުލައި ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އަދި 20 އަހަރުގެ ޒުވާނާގެ ދަތްދޮޅި ދަށުން ފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 28 އަހަރުގެ ފިރިހެން މީހާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލު މޭރީ ބްރައުންއާ ހަަމައިން ޔޫ ޓާން އަޅަން އުޅުމުގެ ތެރޭގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ ސައިކަލު ދުއްވަން ތިބި ދެމީހުންނަކީ ވެސް ލައިސަންންސް އޮތް ދެމީހުން ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.