ހުކުރު ނަމާދަށްފަހު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް ދުއާ ކޮށްފިއެވެ.

މިއަދު ހުކުރު ނަމާދަށްފަހު، އެމްޑީއެންއާ ދެކޮޅަށް ދުއާކޮށްފައިވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ. މި ދުއާގައި ބައިވެރިން ވަނީ، އެމްޑީއެންއާ ދެކޮޅަށް ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިން އިތުރު ކޮށްދެއްވުމަށް އެދި ދުއާކޮށްފައެވެ.

އަދި މަތިވެރި އިސްލާމް ދީނާއި، އާލަމްތަކަށް ރަހުމަތެއް ކަމުގައި ފޮނުއްވި ކީރިތި ރަސޫލާ އަށް މަލާމަތާއި ފުރައްސާރަކޮށް، ހަޖޫޖަހާ މީހުން ބަލިކަށި ކުރައްވާ ފަޟީހަތް ކުރެއްވުމަށާއި، އެމީހުންނަށް އެހީތެރިވާ މީހުން ނިކަމެތި ކުރެއްވުމަށާއި އަދި އެމީހުންނަކީ ގައުމުގެ ވެރިން ކަމުގައި ވާނަމަ، އެމީހުންނަށް ތެދުމަގު ދެއްކެވުމަށް އެދި ދުއާކޮށްފައެވެ.

އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، ރާއްޖޭގެ 127 ކައުންސިލަކުން އެޖަމްއިއްޔާގެ ބަޔާން ކުށްވެރި ކޮށްފައިވެއެވެ. އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެ ޖަމްއިއްޔާ އުވާލައި، ރިޕޯޓު ނެރުނު މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެގޮތުން، މާލޭގައާއި ރަށްރަށުގައި އެ ރިޕޯޓް ކުށްވެރިކޮށް އިހުތިޖާޖު ވެސް ކޮށްފައިވެއެވެ.