ރޭ ދަންވަރު މާފަންނު ގެއަކުން ވައްކަން ކުރަން އުޅުނު މީހަކު ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ވައްކަން ކުރަން އުޅެނިކޮށް ހިފެހެއްޓި މީހާ، އެގޭ މީހުން ހިފަހައްޓަން އުޅުމުން އަތް ފޮޅާލާފައި އެގޭ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ކަމަށެވެ. އަދި ފިލަން އުޅުނު ގަޑީގައި އެގޭ ފާރު މަތީގައި ޖަހާފައިހުރި ބިއްލޫރި ފުޅިތޮށިން އޭނާގެ ދެ އަތް ކަނޑައިގެން ގޮސްފައިވާ ކަމަށާއި، ނަމަވެސް އޭނާއަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން ވަނީ އޭނާއާއި އެ ސަރަހައްދު ބަލާ ފާސްކޮށްފައެވެ. ބަލާފާސްކުރުމުގެ ތެރޭގައި ފުލުހުން ވަނީ އޭނާ ވަގަށް ނަގާފައިވާ ތިޖޫރީގެ ތެރޭގައި ހުރި ހުރިހާ އެއްޗެހި، ވަކި ލާރި ފުޅިއެއް އަދި ކަށިގަނޑާއި މަރުތެޔޮ ފަދަ ޓޫލްސް ތަކާއި ކުޑަ ލަކުޑި ފޮށްޓެއް ވައްކަން ކުރި ގޭގެ ކައިރީގައި ހުރި މިސްކިތެއްގެ ފާހަނާ ތެރެއިން ހޯދާފައެވެ. އަދި އިތުރު ވަކި ލާރި ފުޅިއަކާއި، ކަރަންޓު ކީއްސެއް އެގޭގެ ފުރާޅުމަތިން ފުލުހުން ހޯދައިފައިވާއިރު، ވައްކަން ކުރި މީހާގެ އަތުން ކުޑަ ވަޅިއަކާއި ބައެއް އިލޮކްޓްރޯނިކް ސާމާނައި ޓޫލްސް ވެސް ފުލުހުން ހޯދާފައިވެއެވެ.

ފުލުހުން ބުނީ، ވައްކަން ކުރި ގެއިން ވަގަށް ނަގާފައިވާ ތިޖޫރީގައި ހުރި ހުރިހާ އެއްޗެއް ހަމައަށް ހޯދުމަށްފަހު އެ ސާމާނު އަނބުރާ އެގޭގެ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.