ދިވެހިންނަށް ވަޒީފާ ލިބޭނީ، ރާއްޖޭގައި ބިދޭސީންނަށް ދެމުންދާ އުޖޫރަ ބޮޑުކޮށްގެން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

"ދެކުނު މަހާސިންތާ 2019" ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށާއި ރާއްޖޭގައި ވަޒީފާއަށް ދާ މީހުންގެ އުމުރުފުރާގެ ތެރޭގައި 40 އިންސައްތަ މީހުން ތިބީ ވަޒީފާ ނުލި ކަމަށެވެ. ނަމަވެސް ރާއްޖޭ "ފުލް އެމްޕްލޯއިމަންޓު" އަކަށް ގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާގެ މަގު ފަހިވެގެންދާ ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަން ޖެހޭ ކަމަކީ ބިދޭސީންނަށް ދޭ އުޖޫރަ ބޮޑުކުރުން ކަމަށެވެ. މިހާރު ދިވެހިންނަށް ވަޒީފާ ނުލިބެނީ، ދިވެހިންގެ އަގު ބޮޑުވެފައި ބިދޭސީ މީހާގެ އަގު ކުޑަވީމައި ކަމަށެވެ.

"އެމީހުން [ބޭރު މީހުން] އަގުބޮޑުވާން ޖެހޭ ދިވެހިންނަށް ވުރެ. ހަމަ ކަށަަވަރުންވެސް އެމީހުން އަގު ހެވިއްޔާ، ވިޔަފާރިއަކީ ފައިދާއަށް ކުރާ ކަމެއް. އެހެންވީމަ ވިޔަފާރި އޭގެ ޒާތުގައި އެންމެ އަގު ހެޔޮ ބަޔަކު ބޭނުންކޮށްގެން އެ މަސައްކަތް ކުރާނެ. އެހެންވީމަ ވިޔަފާރިވެރިން އެމީހުން ލޯބިން އައިސް ދިވެހިންތަކަކަށް ވަޒީފާ ދޭކަށް ތައްޔާރަކަށް ނުތިބޭނެ. އަދި އެ ދޭންޖެހޭ ޖެހުމާ ގުޅޭ ގޮތުންވެސް ދައްކާނެ ކިތަންމެ ހާސަރެއް އަޅުގަނޑުމެންނަށް އަޑުއިވޭނެ. ދިވެހިން މަސައްކަަތަކަށް ނުނިކުމެޔޭ، ދިވެހިންގެ ގާބިލުކަމެއް ނެތޭ. ދިވެހިން ފަރުވާކުޑައޭ. މި ހުރިހާ ވާހަކައެއް ދައްކަމުން ގެންދާނެ. އެހެން ނަމަވެސް އަސްލަކީ ހަގީގަތަކީ ދިވެހި މީހާ އަގުބޮޑުވީމަ ބޭރު މީހާ ލައްވާ މަސައްކަތް ކުރުވަނީ."
ރައީސް، ރައީސް މުހައްމަދު ނަޝީދު

ވިޔަފާރިއަކީ ފައިދާއަށް ކުރާ ކަމެއް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ވިޔަފާރި އޭގެޒާތުގައި އެންމެ އަގުހެޔޮ ބަޔަކު ލައްވާ ކުރަމުން ދާނެ ކަމަށެވެ. ދިވެހިންނަށް މަދުވެގެން 10 ނުވަތަ 12 ހާސް ލިބިގެން ނޫނީ ނޫޅެވޭނެ ކަމަށާއި މިހެން މިކަން އޮތުމުން ވިޔަފާރިވެރިން ދިވެހިންނަށް ވަޒީފާ ނުދޭން އެތައް ބަހަނާއެއް ދައްކާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދިވެހިން މަސައްކަަތަކަށް ނުނިކުންނަ ކަމާއި، ދިވެހިންގެ ގާބިލުކަމެއް ނެތް ކަމާއި، ދިވެހިން ފަރުވާކުޑަ ކަމުގެ ވާހަކަ ވިޔަފާރިވެރިން ދައްކާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަސްލު ހަގީގަތަކީ ދިވެހި މީހާ އަގުބޮޑުވީމައި ބޭރު މީހާ ލައްވާ މަސައްކަތް ކުރުވަނީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއީ ގައުމެއް ބިނާ ކުރެވޭނެ ގޮތެއް ނޫން ކަމަށާއި މިއީ މުޖުތަމައުއެއް ދެމެހެއްޓޭނެ ގޮތެއްވެސް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ކޮންމެ ރަށެއްގައިވެސް ސަރުކާރުގެ މަދު ވަޒީފާއެއް ހުންނަ އިރު އެ ވަޒީފާ ބޭނުންވެގެން އެތައް ދިވެހިންނެއް ތިބެންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ވަޒީފާގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރުކޮށްގެން އެ ކުންފުނިތަކުން މީހުންނަށް ވަޒީފާ ދޭން ވިސްނައިގެން އެކަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އެކަން ރަނގަޅު ކުރުމަށް ވިޔަފާރިއާއި އެކިއެކި ސިނާޔަތްތައް ކުރިއަރަން ޖެހޭނެ ކަމަށާއި، އެތަންތަނުގައި ރަނގަޅު ހަރުދަނާ ވަޒީފާ އުފެދުމާއި އެ ވަޒީފާގެ ޔަގީންކަން ވަޒީފާ އަދާކުރާ މީހުންނަށް ވަޒީފާގެ ގާނޫނެއްގެ ތެރެއިން ލިބިދީފައި އޮންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.