ގެޓްސެޓް ލޯނުގެ ގޮތުގައި 50 މިލިއަން ރުފިޔާ ދިނުމަށް ހުޅުވާލި ސްކީމްގެ ދަށުން ޖުމްލަ 86 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކާތީ އެކަން އިސްލާހުކުރަން އިކޮނޮމިކް މިނިސްޓްރީ އަށް އޮޑިޓް ޖެނެރަލް އަންގަވައިފިއެވެ.
އޮޑިޓަ ޖެނެރަލް، ހަސަން ޒިޔަތު މިއަދު ނެރުއްވި އިކޮނޮމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގައި ޒުވާނުންނަށް ހާއްސަކުރި ގެޓްސެޓް ލޯން ސްކީމުން ދޫކުރަން ނިންމީ 50 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އެކަމަކު ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ލޯނު ދޫކޮށްފައިވާ ކަން އެ މިނިސްޓްރީގެ މާލީ ބަޔާނުން ދައްކާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ މާލީ ބަޔާނުން ދައްކާ ގޮތުގައި ގެޓްސެޓް ލޯނުގެ ގޮތުގައި ޖުމްލަ 86 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އެއީ ރެކޯޑްތަކުން ދައްކާ އަދަދަށް ވުރެ 35 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންކަމުން އޮޑީޓް އޮފީހުން ބުނީ، އެ އަދަދުތައް ދައްކާގޮތުން 35 މިލިއަންގެ ތަފާތެއް އުޅޭ ކަން ފާހަގަކުރެވިފައި ވާތީ އެކަން އިކޮނޮމިކް މިނިސްޓްރީއަށް އިސްލާހު ކުރަން އަންގާފައިވާ ކަމަށެވެ.
މީގެއިތުރުން، ލޯން ދޫކުރަން ކަނޑައެޅި އިޖުރާއަތުތައް ފުރިހަމަ ނުކޮށް ލޯނު ދޫކޮށްފައިވާ މައްސަލައިތައް ހުރިކަން ވެސް އޮޑީޓް އޮފީހުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން 3 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ހަރަދުކުރި ގޮތުގެ ބިލް ހުށަނާޅަނީސް ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެހެންކަމުން ގެޓް ސެޓް ލޯނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ލޯން ދޫކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އެސްއޯޕީއާ އެއްގޮތަށް އަމަލުކުރަން އެ ރިޕޯޓުގައި ލަފާ ދީފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ލޯން ސްކީމާއި ގެޓްސެޓް ލޯން ސްކީމް ބެލެހެއްޓުމުގައި މިނިސްޓްރީން އަމަލުކުރާ އުސޫލުގައިވާ ގޮތުން ނަމަ، ލޯނުގެ ބާކީ ބައި ދޫކުރެވޭނީ ފުރަތަމަ ދޫކުރި ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލް ހުށަހަޅައި މިނިސްޓްރީން ބެލުމަށް ފަހުއެވެ. އެކަމަކު ލޯންގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދޫކުރުމުގައި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ކުރީ ސަރުކާރުގައި ގެޓްސެޓް ލޯން ޕްރޮގްރާމް ހުޅުވާލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ލޯންގެ ގޮތުގައި ދޫކުރަން ނިންމީ މީހަކަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެކެވެ.