ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލާއެކު 2 މިލިއަން ރުފިޔާ ލިބެމުން އަންނަ ކައުންސިލަކަށް 30 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ފަސް އަތޮޅުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގއ. ވިލިނގިލީގައި ކުރިއަށް ދާ މަހާސިންތާ ފައްޓަވައިދެއްވުމަށް ފަހު ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ 19 ވަނަ މަޖިލިހުން ރައްޔިތުންނަށް ތަރައްގީގެ ފުރުސަތު ހޯދައިދޭނެކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުގައި، ކައުންސިލްތަކުން ވިޔަފާރިކުރުމަކީވެސް ރަނގަޅުކަމެއް ނޫންކަމަށާއި އަމިއްލައަށް ކައުންސިލްތަކުން ވިޔަފާރިކުރުމުގެ ބަދަލުގައި ބީލަން އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އަމިއްލަ ރަށްރަށުގެ ކައުންސިލްތަކުން ވިޔަފާރި ކުރުމުގެ ބަދަލުގައި ބިލުގެ ވިސްނުން އޮތީ ހިދުމަތްދޭ ފަރާތްތައް ހޯދުމަށް ކައުންސިލްތަކުން ބީލަން ހުޅުވާލަން ޖެހޭ ގޮތަށް ކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މުއްސަނދިކަމާއި ބާރުވެރިކަން މުށުތެރޭގައި ހިފަހައްޓައިގެން އަމިއްލަ ދަރިންނަށްވެސް ގޮތެއް ހޯދެން ނެތްކަން ސާފުވާން އޮތްކަމަށާއި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތަކަށް ނުހިންގެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެކާމައި ގުޅޭގޮތުން ދެއްކޭނެ އެއްވެސް ވާހަކައެއްވެސް ނެތް ކަމަށެވެ.

ކައުންސިލްތައް ހިންގުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވާނެ ކަމަށް ބަހުސް ކުރާ މީހުންނަށް ވެސް ނަޝީދު ވަނީ ރައްދު ދެއްވައިފައެވެ. މި ގާނޫނުގައި ކައުންސިލް މެމްބަރުން ކޮރަޕްޝަންގެ އަމަލެއް ހިންގަވައިފި ނަމަ، ރަށްރަށުގެ ހޮޅުއަށީގާ ތިބޭ މީހުން ކައުންސިލަރުން ޖަވާބުދާރީ ކުރުވާނެ ކަމަށާއި އެމީހުން ލަދުން ފިއްކަނޑައިގެންދާ ވަރުކޮށް، ގެއަށް ނުވަދެވޭ ވަރު ކުރާނެ ކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ކައުންސިލަކުން އެފައިސާ ގައި ޖެހުނީމާ ހޮޅުއަށީގައި ތިބެގެން އެގޮވާ އެއްޗއްސެއް މާލޭ މިނިސްޓްރީއަކުން ރަނގަޅު އަދަދެއްގެ ފައިސާގައި މާލޭމިނިސްޓްރީ އަކުން މިނިސްޓަރަކު ޖެހިވަޑާއިގަތުމުން ނުކިޔޭނެ. ރާއްޖޭ ޓީވީއަކުންވެސް ނުގޮވޭ އެވަރަކަށް. ހޮޅުއަށިން އެކުރާވަރެއް ނުކުރެވޭނެ. އެއީ ހަގީގީ ޖަވާބުދާރީ ކުރުވުމަކީ. ލަދުން ފިއްކަނޑައިގެންދާވަރު ކުރުން ގެޔަށް ނުވަދެވޭވަރު ކުރުން އަނބިދަރިން ވާހަކަ ނުދައްކާވަރު ކުރުން.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސްގެ ވާހަކަފުޅުގައި، ތަރައްގީއަކީ ޖީބަށް ވަންނަ ފައިސާގެ އަދަދު ނޫން ކަމަށާއި އާންމު ދިރިއުޅުމަށް އަންނަ ބަދަލު ކަމަށް ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަދި އަމިއްލައަށް ހޯދޭ ތަނަވަސް ކަމަށް ފުރުސަތު ހޯދައިދޭނެ ކަމަށާއި ރަށު ކައުންސިލްތައް އެ ކައުންސިލްތަކުގެ މިލްކިއްޔާތު ދެނެގަންނަން ޖެހޭކަމަށާއި އަތޮޅު ކައުންސިލްތައް އެކައުންސިލްތަކުގެ މިލްކިއްޔާތު ދެނެގަންނަން ޖެހޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.