މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 532 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އޭސީސީން 532 މައްސަލަ ބަލާ ނިންމާފައިވާއިރު، ތިންވަނަ ކުއާޓާގެ ތެރޭގައި، އޭސީސީން ބަލާ ނިންމާފައި ވަނީ 177 މައްސަލައެވެ. އޭސީސީން ބުނީ، މިއީ 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، އެ ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް 45 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި ކޮމިޝަނުން ނިންމާފައިވަނީ ޖުމްލަ 320 މައްސަލައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވަނީ އެންމެ މައްސަލައެކެވެ. އެގޮތުން، މި ކުއާޓާގައި ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތް 176 މައްސަލަ ވަނީ ނިންމާފައެވެ.

2019 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އޭސީސީން ބަލާ ނިންމާފައިވާ މައްސަލަތައް

އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 917 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެތެރެއިން، 371 މައްސަލައަކީ 3 ވަނަ ކުއާޓާގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެވެ. މި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ތަހުގީގު ކުރުމަށް ނިންމީ 364 މައްސަލައެވެ.

2019 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލައިގެ އަދަދު

އޭސީސީއަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން، އެ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން، މި ކުއާޓަރުގެ ތެރޭގައި 27 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި، އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިނުވާތީ 41 މައްސަލަ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ނުބަލާ ދޫކޮށްލާފައިވެއެވެ. މިއަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިސްލާހުކުރުމަށް 83 އެންގުމެއް އަންގާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިސްލާހުކުރުމަށް އަންގާފައިވަނީ 59 އެންގުމެކެވެ.

އޭސީސީގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން މި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 157 މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވަނީ ޕްރޮކިއުމަންޓާގުޅޭ 40 މައްސަލައެވެ.

2019 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލައިގެ ބާވަތް

އޭސީސީން ބުނީ މިކުއާޓާގައި، ދެވަނައަށް އެންމެ ގިނައިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ ވަޒީފާއާގުޅޭ މައްސަލަކަން ފާހަގަކުރެވޭ ކަމަށާއި، އެގޮތުން، ވަޒީފާއާގުޅޭ 63 މައްސަލައެއް މިއަހަރުގެ މިކުއާޓާގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 12 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ކުއްޔަށް ދޫކުރެވޭ ތަންތަނާއި، ބިމާއި، ގޯތިގެދޮރާއި، ފައިސާއާއި ތަކެތި ބޭނުންކުރުމާއި، ލައިސަންސް އަދި ހުއްދަ ދިނުމާ ގުޅޭ ޖުމްލަ 78 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާއިރު، އެހެނިހެން ތަފާތު ބާވަތްތަކުގެ 58 މައްސަލައެއް ވެސް މިކުއާޓާގެ ތެރޭގައި އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.