މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްއަށް މިއަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ ޖުމުލަ 125 މައްސަލަ ރިޕޯޓު ކޮށްފައި ވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖުމުލަ 251 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު 125 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 37 މައްސަލަ ރިޕޯޓު ކޮށްފައި ވާއިރު، މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ ތެރޭގައި، ޖިސްމާނީ ހާނީއްކައިގެ 27 މައްސަލައަކާއި ޖިންސީ ހާނީއްކައިގެ 24 މައްސަލައާއި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 12 މައްސަލައާއި އެހެން ކުދިންގެ ފަރާތުން މަލާމާތާއި ފުރައްސާރައި (ބުލީ) ގެ ޝިކާރައަކަށް ވުމުގެ ހަތަރު މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓާނެޓް މެދުވެރިކޮށް ބުލީކުރުމުގެ ތިން މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލައިގެ އިތުރުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

ސެޕްޓެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ އާއި، ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 7 މައްސަލައާއި، އާއިލީ ކަންކަމާބެހޭ 26 މައްސަލައާއި، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލައާއި، ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 14 މައްސަލައާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލައިގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 9 މައްސަލައެއް ހިމެނޭކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.