އުމްރާނީ ތަރައްގީއާއި ޓްރެފިކް މެނޭޖްމަންޓްގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އެމެރިކާއިން ދިން 480 މިލިއަން ޑޮލަރުގެ ގްރާންޓްގައި ހިފުމަށް ސްރީލަންކާއިން އެންމެފަހުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ގާތްގަނޑަކަށް އަހަރު ދުވަހަށްފަހު މި ގްރާންޓްގައި ހިފުމަށް ސްރީލަންކާއިން އެއްބަސްވެފައި މިވަނީ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ މި ގްރާންޓްއާއި ދެކޮޅު ހައްދަވަމުން ގެންދެވި ގެންދެވުން ނިމުމަކަށް ގެންނެވި ހިސާބުންނެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ (ވ) އަދި ރައީސް މައިތްރިޕާލަ ސިރިސޭނާ/ފޮޓޯ: އޭޝިއާ ނިއުސް

މެލޭނިއަމް ޗެލެންޖު ކޯޕަރޭޝަން ގްރާންޓްގެ ނަމުގައި އެމެރިކާއިން ފޯރުކޮށްދޭ ގްރާންޓްގައި ހިފުމަށް ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ނިންމިކަން އިއުލާން ކުރައްވަމުން އެގައުމުގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ، މިއީ ސަރުކާރާ ސްރީލަންކާގެ މުސްތަބުލަށް ލިބުނު ބޮޑު ނަސްރެއް ކަމަށެވެ.

ސްރީލަންކާގެ ތަރައްގީއަށް އެމެރިކާއިން ކަނޑައެޅި ފަންޑު ހިފެހެއްޓުމަށް އެމެރިކާއިން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނީލް ވިކްރަމަސިންހަ ކުށްލި ގޮތަކަށް އެމަގާމުން ދުރުކުރައްވާ، އަވަސް އިންތިހާބަކަށް ގޮވާލައްވާ، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ސްރީލަންކާ ވައްޓަވާލެއްވި ހިސާބުންނެވެ. ނަމަވެސް ސިޔާސީ ވަރުގަދަ ކޯޅުންތަކަކާ ބަހުސްތަކަކަށްފަހު ސުޕްރީމު ކޯޓުގެ އަމުރާއެކު ވިކްރަމަސިންހަ އަނބުރާ އެ މަގާމަށް ގެނެވުނެވެ. އަދި އެމެރިކާއިން ފަންޑު ދިން ކަމުގައި ވީ ނަމަވެސް އެ ފައިސާ ބޭނުން ނުކުރުމަށް ސިރިސޭނާ އޮތީ ނިންމަވާފައެވެ.

ނަމަވެސް މި ފައިސާ ބޭނުން ކުރުމުގައި އިއުތިރާޒެއް ނެތްކަމަށް ސިރިސޭނާ މިހާރު ވިދާޅުވެފައިވާއިރު، ސްރީލަންކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާން ސިރިސޭނާ ވަނީ ނިންމާފައެވެ.

އެހެންކަމުން ނޮވެމްބަރުގެ 16 ވަނަ ދުވަހުގެ އިންތިހާބުގައި މޮޅުވާ މީހަކު ކަނޑައެޅުމާއެކު ސިރިސޭނާއަށް ސްރީލަންކާގެ ރައީސްކަމުގެ މަގާމު ގެއްލޭނެއެވެ.