ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ މަރާލިއެއް ކަމަކު، އެ ޖަމާއަތުގެ ނުރައްކާ އަދިވެސް ހަމަ އެގޮތުގައި އެބަ އޮތް ކަމުގެ އިންޒާރު، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންގެ އިތުރުން މަސްރަހު ދިރާސާ ކުރަމުންދާ މުރާސިލުން ވަނީ ދީފައެވެ.

ބަގުދާދީ މަރާލާފައި ވަނީ ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބު ޕްރޮވިންސްގެ އަވަށެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ޖެހި ވަރުގަދަ ރެއިޑުން ސަލާމަތްވާނެ ގޮތެއް ނެތިގެން، އޭނާ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ގޮވާތަކެތި ހަރުކޮށްފައިވާ ޖެކެޓެއް ލައިގެން ހުރެ އެ އަމިއްލައަށް ގޮއްވާލައިގެން ބަގުދާދީ މަރުވިއިރު، އޭނާއާއެކު ހުރި އޭނާގެ 3 ދަރިއެއްގެ ފުރާނަވެސްވަނީ ގެއްލިފައެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ކަމަށް ބުނާ މީހާ/ފޮޓޯ: އޭއެފްޕީ

ބަގުދާދީގެ ކޮމާންޑަރު ކަމުގެ ދަށުގައި އައިސިސް ވެގެންދިޔައީ ފަހުގެ ތާރީހު ދުށް އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމާއަތަށެވެ. އެ ޖަމާއަތުގެ ބާރު ގަދަ ކުރަމުން ގޮސް، "ހިލާފަތެއް" ގާއިމުކުރެވިއްޖެ ކަމަށްވެސް ބަގުދާދީ ވަކާލާތުކޮށް، އެކަން އިއުލާންކުރިއެވެ. އިރާގާ ސޫރިޔާ ހިމެނޭ ގޮތަށް ބަގުދާދީގެ ހިލާފަތު އިއުލާންކުރި ސަރަހައްދަކީ، ގާތްގަނޑަކަށް އިނގިރޭސިވިލާތުގެ ބޮޑު މިނުގެ ސަރަހައްދެކެވެ.

އައިސިސް ޖަމާއަތުގެ ބާރާއި ނުފޫޒު ފަތުރަމުންދިޔައީ ޒަމާނީ ވަސީލަތްތަކާ ޓެކްނޮލޮޖީގެ އެހީގައެވެ. އިންޓަނެޓްގެ ޒަރިއްޔާއިން ފަތުރަމުންދިޔަ ވަސްވާސްތަކުގެ އަވާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކު ޖެހި، އައިސިސްއާއި "ޖިހާދަށް" ނިކުތެވެ. ނަތީޖާއަކަށްވީ ގުނާ އަދަދު ނުކުރެވޭ ގަތުލުއާންމުތަކާ، ބޯ ބުރިކުރުމާ، ރޭޕް ކުރުމުގެ ކެމްޕޭންތައް ސުރިޔާއާއި އިރާގުގެ އެކި ހިސާބުތަކަށް އާންމުންވެގެން ދިއުމެވެ. މިކަން މެދުއިރުމައްޗަށް ފުޅާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިއުމެވެ. ދުނިޔެ މިކަން ބަލަން އޮތީކީ ނޫނެވެ. ގައުމުތައް އެއްބަސް ކިޔާ، އައިސިސް ވައްޓާލުމަށް ތެދުވިއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުން އައިސިސްއާއި ދެކޮޅަށް ފެށި ހަނގުރާމަ ގާތްގަނޑަކަށް ނިންމާލިއިރު އެންމެ ފަހުން އައިސިސްގެ ބާރުގެ ދަށުގައި އޮތް ބިންކޮޅު ކަމުގައިވި ސޫރިޔާގެ އިދްލީބް ޕްރޮވިންސުންވެސް އައިސިސްގެ ބާރު ކަނޑުވާލީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ދިރިއުޅެމުންދިޔަ ސަރަހައްދުގައި ކަމާ ބެހޭ ފަރާތްތަކުން ހަރަކާތެރިވަނީ/ފޮޓޯ: އެންކޮރޭޖް ނިއުސް ޑެއިލީ

ކިންގްސް ކޮލެޖް ލަންޑަންގެ ޑިފެންސް ސްޓަޑީޒް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ޕްރޮފެސާ އެންޑްރިއާސް ކްރެއިގް ވިދާޅުވާ ގޮތުގައި ބަގުދާދީގެ މަރުގައި އޮތީ "ރަމްޒީ" މުހިންމު ކަމެކެވެ. ކްރެއިގް ސިފަކުރެއްވި ގޮތުގައި އައިސިސްއަކީ "ވާޗުއަލް ހިލާފަތެއް" ބާރު އޮތް ޖަމާއަތެކެވެ. އެއީ ޓެރަރިސްޓް ހަނގުރާމަވެރިންގެ ފްރެންޗައިޒްއެކެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް "އައިސިސް" ގަނެވިއްކިދާނެ ކަމަށް ކްރެއިގް ގަބޫލުކުރައްވައެވެ. އެންމެ ޖެހިލުންވާ އެއްކަމަކީ، ކްރެއިގް ސިފަކުރެއްވި ފަދައިން އައިސިސްއަކީ ކަނޑައެޅިގެން ވެރިއަކު ނެތް، "ވާޗުއަލް އާބާދަކަށް" އެ ޖަމާއަތްވާ ކަމަށްޓަކައެވެ.

ކަންމިހެން އޮތްއިރު ޓްރަމްޕް ވިދާޅުވި ގޮތަށް ބަގުދާދީ މަރާލާފައިވާކަން އައިސިސްގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓަކުން އަދި އެއްބަސްވެފައެއް ނުވެއެވެ. ނުވިތާކަށް އާ ލީޑަރެއްގެ ޕްރޮޕަގަންޑާ ފަށާފައި ވާތީވެސް ނުފެނެއެވެ. ނަމަވެސް އިރާގަށް ނިސްބަތްވާ ސިޔާސީ އެނަލިސްޓް ހިވާ އުސްމާންގެ ފިކުރު ތަފާތެވެ. ހިވާ ގަބޫލުކުރާ ގޮތުގައި އައިސިސްގެ އާ ލީޑަރު ފެންނާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. ހަނދާނުގެ އެންމެ ގާތުން ސޮފުހާއެއް އެއްލާ މިސާލުޖަހަމުން ހިވާ ވަނީ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލުމާއެކު އެ ޖަމާއަތުން އާ ލީޑަރަކުގެ ކުރިއަށް ނެރުނު ގޮތް ހަނދާންކޮށްދީފައެވެ.

އައިސިސް ޖަމާއަތުން ވަނީ އިންޑިއާގައި އައިސިސްގެ ޕްރޮވިންސެއް ގާއިމުކުރެވިފައިވާކަމަށް ބުނެފަ/ފޮޓޯ: ދަ ޓައިމްސް

އައިސިސްގެ ހަރަކާތްތައް ގާތުން ބަލަމުން އަންނަ މުރާސިލުން މިހާރު ވަނީ އެ ޖަމާއަތުގެ ލީޑަރަކަށް ހަމަޖައްސާނެ ކަމަށް ލަފާކުރާ 2 ކެންޑިޑޭޓެއްގެ ނަންވެސް އާންމުކޮށްފައެވެ. އައިސިސްގެ ހަރަކާތްތައް ދިރާސާކުރަމުން އަންނަ އިރާގުގެ އެހެން އެނަލިސްޓެއް ކަމަށްވާ ހިޝާމް އަލް-ހާޝިމީ ލަފާކުރާ ގޮތުގައި އައިސިސްގެ ލީޑަރު ކަމަށް އިސްކުރާނެ ކަމަށް ބެލެވޭ 1 ނަމްބަރު ކެންޑިޑޭޓަކީ އަބޫ އުސްމާން އަލް ތޫންސީއެވެ. ދެވަނަ ކެންޑިޑޭޓަކީ އަބޫ ސޯލިހު އަލް ޖުޒްރާވީ ނުވަތަ ޙައްޖު ޢަބްދުﷲ އެވެ. ފުރަތަމަ ކެންޑިޑޭޓަކީ ތޫނިސްއަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ އައިސިސްގެ "ގާނޫނު ހަދާ މަޖިލިސް" ނުވަތަ ޝޫރާ ކައުންސިލްގެ ރައީސްކަމަށްވެއެވެ. ދެވަނަ ކެންޑިޑޭޓަކީ އައިސިސްގެ މަތީ ފަންތީގެ ގޮތްޕެއް ކަމަށްވާ ޑެލިގޭޓަޑް ކޮމިޓީގެ ކަންކަން ހިންގުމުގައި އިސްކޮށް ހުރި މީހާއެވެ. އޭނާއަކީ ސައުދީ ރައްޔިތެއް ކަމާށްވާ އަލް-ހާޝިމީ ކިޔައިދިނެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިން ގުރޫޕުން އައިސިސްގެ ލީޑަރަށް ބައިޔަތު ހިފަނީ/ފޮޓޯ: ޑީއެމް

ކަންމިހެން އޮތްއިރު މިއީ އައިސިސް ބައިބައިވެ ގޮފިތަކަށް ފުޅާވެދާނެ ކަމުގެ އިޝާރާތެއް ކަމަށް އަލް-ހާޝިމީ ސިފަކުރެއެވެ. އެހެނީ، އައިސިސްގެ ގިނަ މެމްބަރުން ނިސްބަތްވަނީ ސޫރިޔާއަށާ އިރާގަށް ކަމުން، އެހެން ގައުމެއްގެ މީހަކަށް ޖަމާއަތުގެ އިސް ކޮމާންޑަރުކަން ދިނުމުގައި ދެބަސްވުންތަކެއް އުފެދުމަށް ފުރުސަތު އޮތުން ކަމަށް އަލް-ހާޝިމީ ގަބޫލުކުރެއެވެ.

މިހާ ހިސާބުން ދެކެވެނީ ޢަބްދުﷲ ގަރުދާޝްގެ ވާހަކައެވެ. އިރާގު އަސްކަރިއްޔާއަށް ކުރިން ހިދުމަތްކުރި ގަރުދާޝްއަކީވެސް އައިސިސްގައި ނަގާކިޔާ މީހެކެވެ. ރަސްމީ ކޮށް އިއުލާން ނުކުރިނަމަވެސް ބަގުދާދީ މަރާލިކަން އެމެރިކާއިން އާންމު ކުރުމުގެ މާ ކުރިންވެސް އައިސިސްގެ ލީޑަރަކަށް ގަރުދާޝް ހަމަޖައްސާފައިވާކަމުގެ ޚަބަރުތަކެއް ފެންމަތިވި ކަމަށް އައިސިސްގެ ހަބަރުތައް ކަވަރުކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ އުސާމާ ބިން ޖަވާދިއު ވަނީ ބުނެފައެވެ. މިއީ އަސްލެއް ނެތް ވާހަކައެއް ކަމަށް ބުނާ އެނަލިސްޓުންވެސް އުޅެއެވެ. ކަންމިހެން އޮތްއިރު، ގަރުދާޝް މިހާރު ދުނިޔޭގައި ހުރި ކަމެއް ނުވަތަ ނޫންކަން އަދި ސާފު ނުވާކަމަށް ޖަވާއިދު ބުނެއެވެ.

އައިސިސްއާއި އިސްރާއީލުގެ ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރެނެގޭޑް ޓްރިބިއުން

އައިސިސްގެ ލީޑަރާ ކޮންމެ މީހަކު ހަވާލުވި ކަމުގައި ވީ ނަމަވެސް އެމީހަކަށް ހިންގަންޖެހިފައި އޮތީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ޖަމާއަތެވެ. ނަމަވެސް އެޖަމާއަތަކީ މިއަދު ބައިބައިވެ މެދުއިރުމަތީގައި ބާރު ކަނޑުވާލެވިފައި އޮތް ޖަމާއަތެކޭވެސް ބުނެވިދާނެއެވެ. ގިނަ ސެލްތައް އޮތީ ނިދާފައި ކަމަށް މުރާސިލުން ސިފަކުރެއެވެ.

ކޮންމެ ގޮތެއް ވިއަސް އައިސިސްއާއި ދެކޮޅަށް ކުރާ ހަނގުރާމަ އަދިވެސް ނިމުމަކަށް ނާންނަކަމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ބުނަމުންނެވެ. ހުޅަނގާ އެމެރިކާގެ ފިކުރު މިގޮތަށް ހުރިއިރު އައިސިސްގެ ފިކުރު ވަކިހިއްޕާލާފައި އޮތް އޭޝިއާގެ ގައުމުތަކުންވެސް ދަނީ މިކަން ބަދަލު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.