ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ގައި ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފުވައްމުލަކު ސިޓީން ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުވަމުލަކުގެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި އެމީހުންނަކީ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރި ކަމަށް ހިތްވަރު ދެމުންދާ މައްސަލައާ ގުޅިގެން މި ދިޔަ ހޮނިހިރު ދުވަހުވެސް ފުވައްމުލަކުން ވަނީ ޒުވާނަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި 19 އަހަރުގެ ރަވާއުގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. ދާދިފަހު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް މީހަކު ވަނީ މަރުގެ އިންޒާރު ދީފައެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް އެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މިދުވަސްވަރީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެގެން އާއްމުން އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލަމުންދާ ދުވަސްވަރެކެވެ.