މިއަހަރުގެ ތިންވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބުނު ފައިދާ 95 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި ކުއާޓާގައި ލިބިފައި ވަނީ 6.97 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ޖުމްލަ އާމްދަނީއަށް ވުރެ 131 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 76.6 މިލިއަން ރުފިޔާގެ ފައިދާއެކެވެ. ނަމަވެސް މި ކުއާޓާގައި ލިބިފައިވަނީ 23 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް އެސްޓީއޯގެ ހިސާބުތަކުން ވަނީ ދައްކާފައެވެ.

އެސްޓީއޯ އިން ބުނީ މި ކުއާޓާގައި އެކުންފުނީގެ ހިންގާ ހަރަދުން 12 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށައި އެކުންފުނީގެ އާމްދަނީ މި އިތުރުކޮށްފައި ވާ ކަމަށެވެ. އަދި ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވާ ދަނޑިވަޅެއްގައި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވާ ކަމަށެވެ.