ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް އުދައަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މާދާމާ ހެނދުނު 10:00 އާ ދެމެދު މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު. އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، މިއަދު ހެނދުނު 7:00 އިން ފެށިގެން 11:00 އާ ދެމެދު ހއ. އަތޮޅުން ވ. އަތޮޅާ ދެމެދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެ އެ އިދާރާއިން ވަނީ ޔެލޯ އެލާޓެއްވެސް ނެރެފައެވެ.
އުދައަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ރޭގެ ވަގުތެއްގައި މާލެއަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.