މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައަށް ފިޔަވަޅު ނޭޅުމުން ބަޔަކު ސިޔާސީ ހުޅު ރޯކުރަން ދަރު އަޅާނެކަން ރައީސަށް އެކި ގޮތްގޮތުން ދެންނެވި ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް ވިދާޅުވީ، އެމްޑީއެންގެ މައްސަލާގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފަޔަށް ބަރުވެފައި ތިބީމައި ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅާނެ ކަމަށެވެ. އެކަން އެގޮތަށް ވެދާނެކަން ދީނީ އިލްމުވެރިން ވަނީ ތަފާތު ގޮތްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައި ކަމަށް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް މިހެން ވިދާޅުވި އިރު އެމްޑީއެން ސަސްޕެންޑް ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް ސަރުކާރުން އަދިއެއް ނާޅައެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ އެ މައްސަލަ ބައްލަވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ފިތުނަ ފަސާދަ އުފެދެން ދިމާވަނީ އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ވީމައި، ވީމާ އެކަން ނުކުރުމަށް ގޮވާނުލައްވަނީ ކީއްވެތޯ"
ޑރ. އިޔާޒު

ރައީސްއަށް އަމާޒު ކުރައްވާ ޑރ. އިޔާޒު ވިދާޅުވެފައި ވަނީ، ފިތުނަ ފަސާދަ އުފެދެނީ އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ވާތީ ކަމަށާއި އެކަން ކުރާ ފަރާތްތަކަށް އެކަން ނުކުރުމަށް ގޮވާނުލައްވަނީ ކީއްވެތޯއެވެ.

އެމްޑީއެން މައްސަލައިގައި ފިޔަވަޅު އެލުން ލަސްވަމުން ދާތީ އިދިކޮޅު ކޯލިޝަނުން ދަނީ އަޑުއުފުލަމުންނެވެ. އަދި މިރޭވެސް އިދިކޮޅުން ވަނީ އެމްޑީއެން އުވާލުމަށް ގޮވާލައި އެޕާޓީގެ އޮފީސް ދޮރުމަތީގައި އަޑުއުފުލާފައެވެ. މި އިހުތިޖާޖުތަކުގައި ސިޔާސީ އެކި ކަހަލަ ވާހަކަތައް ސަރުކާރަށް އަމާޒުކޮށް އިދިކޮޅުން ވަނީ ދައްކާފައެވެ. އެގޮތުން ޖޭއެސްސީން ބަލަމުން ދާ ފާނޑިޔާރުންގެ މައްސަލަތަކަށް ފާޑު ކިޔައި، ފަނޑިޔާރުންނަށް އިންސާފު ހޯދައިދޭން އިދިކޮޅުން ގޮވާލާފައި ވެއެވެ.