މިރޭގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު "ބޮއިކޮޓް" ކުރައްވީ ސަރުކާރުން އެމްޑީއެންއަށް ފިޔަވަޅު ނޭޅުމުން ކަމަށް ވިދާޅުވެއްޖެއެވެ.

ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވީ ގައުމީ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ "ބޮއިކޮޓް" ކުރައްވަން ނިންމެވީ އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައި ވާތީ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުމަރު ޒާހިރު ވިދާޅުވީ، އެމްޑީއެން އިން ރަސޫލާއަށާއި އިސްލާމް ދީނަށް ބަދު ބަސް ބުނެފައި ވާއިރު ފިޔަވަޅު އެޅުމުގައި ސަރުކާރުން ލަސްކޮށްގެން ނުވާނެ ކަމަށެވެ. މި ކަމަކީ ވަގުތުން ވަގުތަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަރު ކަމެއްގައި މިހާ ލަސްވެގެން ނުވާނެ ސަރުކާރުން ފިޔަވަޅު އެޅުމުގައި، ވަގުތުން ވަގުތަށް ފިޔަވަޅު އެޅެން ވާނެ. ކީރިތި ރަސޫލާއަށް އިހާނެތި ބަސްތަކެއް ބުނުމުން ދެން ފިޔަވަޅު އެލުން ލަސްކުރާކަށް ނުޖެހޭ. އެހާ ނުރައްކާތެރި ކަމެއް އެކުރީ. ގައުމު ގެއްލިގެން ދަނީ. ދިވެހިރާއްޖޭގައި އޮތީ އިސްލާމް ދީން. މިވަރު ކަމެއް ވެގެން އުޅޭ އިރު ރައްޔިތުން ހުރިހާ އެންމެންވެސް މިސްކިތަށް އަރާ ދުއާވެސް ކުރަންވީ މިކަމުން ސަލާމަތް ވޭތޯ."
އުމަރު ޒާހިރު

މީގެ އިތުރުން އުމަރު ޒާހިރު ވިދާޅުވީ އެމްޑީއެން އިން އެ ކުރީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އެ ކަން ކުށްވެރި ކުރައްވާ ކަމަށެވެ. އެ ކަމުގެ ސަބަބުން މި ގައުމު ނެތިގެން ދަނީ ކަމަށާއި މި ވަރުގެ ކަމެއް ވެގެން އުޅޭ އިރު ހުރިހާ ރައްޔިތުން މިސްކިތަށް އަރާ މިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުއާ ކުރަންވީ ކަމަށްވެސް އުމަރު ޒާހިރު ވިދާޅުވިއެވެ.

އުމަރު ޒާހިރަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ހިދުމަތްތެރި އެއް ވަޒީރެވެ. މި ސަރުކާރު ގެނައުމަށް ތާއީދުކޮށް ކެންޕޭންގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އުމަރު ޒާހިރު ގެންދެވީ ސަރުކާރުން ބާއްވާ ހުރިހާ ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. މީ މިފަދަ ރަސްމީ ޖަލްސާއެއް އުމަރު ޒާހިރު "ބޮއިކޮޓް" ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ބަދުބަސް ބުނެފައިވާތީ އެކަމާ ދެކޮޅަށް ރައްޔިތުންނާއި ކައުންސިލުތަކުންނާއި ޖަމިއްޔާތަކުން ދަނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން އިލްމުވެރިންނާއި އިދިކޮޅު ކޯލިޝަން ވެސް ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.