ފުވައްމުލަކުން މީގެ އަހަރުތަކެއް ކުރިން ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލާގައި، އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އަނބިމީހާއާ މަރު ކޮމިޝަނުން ސުވާލު ކުރަން ފަށައިފިއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހު ވީނުވީ އެއް ނޭނގި ފުވައްމުލަކުން ގެއްލުނު ޝަފީއުގެ މައްސަލަ އަލުން ބެލުމަށް ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޓީމެއް ވަނީ މިދިޔަ ޖުލައި މަހު ފުވައްމުލަކުގައި ހަރަކާތްތެރިވެފައެވެ. އަދި އޭރު އެ ޓީމުން ވަނީ، މި މައްސަލާގައި އެކި ފަރާތްތަކާއި މައުލޫމާތު ސާފުކޮށް، މައްސަލައިގެ ތަހުގީގު ހިންގާފައެވެ.
މިދިޔަ ޖުލައި މަހު، މަރު ކޮމިޝަނުން މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ ކޮމިޝަނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ވަނީ ޝަފީއުގެ އަނބިމީހާ އައިޝަތު ނަޝީދާ އެ ކޮމިޝަނަށް ހާޒިރު ވުމަށް އަންގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކޮމިޝަނުން ވަނީ 6 ގަޑިއިރު ވަންދެން ނަޝީދާ އެތަނުގައި ބައިންދާ ސުވާލުކޮށްފައެވެ. އެގޮތުން، އެ ކޮމިޝަނުން ނަޝީދާއަށް ޝަފީއު މަރާލި ކަމުގެ ތުހުމަތު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މަރު ކޮމިޝަނުން ވަނީ، ނަޝީދާއަށް ޗާޓެއް ދެއްކުމަށް ފަހު އެތަނުން ޝަފީއު ވަޅުލާފައި ވަނީ ކޮންތަނެއްގައިތޯ އަހާ ސުވާލުކޮށްފައެވެ. ނަމަވެސް، މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މަރު ކޮމިޝަނުން މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޝަފީއު އަކީ އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި އޭނާގެ އަންހެނުންގެ ގެއިން މަންމަމެންގެ ގެއަށް ދާން ނިކުތް ފަހުން އޭނާގެ ހަބަރެއް ނުވެގެންނެވެ. އެންމެ ފަހުން ފެނުނު އިރު ޝަފީއު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ޖީންސެއް ކަމަށްވެސް އޭރު އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ޝަފީއު ގެއްލުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އޭނާ ހޯދުމަށް ފުލުހުންނާއި، ފުވައްމުލަކުގެ އެކި މުއައްސަސާތަކުގެ އިތުރުން، ރަށު ރައްޔިތުން ނިކުމެ މުޅި ރަށް ބަލާ ފާސްކުރިއެވެ. އެގޮތުން، ޝަފީއު ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، އޭނާ ގެއްލުނީ ޖިންނީގެ ކަމަކުން ކަމަށް ބުނެ ވެސް ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް، މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.