ށ. ކޮމަންޑޫ ކައިރިން ފެނުނީ ލައިޓް ހައުސްގެ ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ށ. ކޮމަންޑޫ ކައިރީ އޮންނަ ގެއްލައިދޫ ކިޔާ ފަޅުރަށުގެ ފަރު މައްޗަށް މާ ސިންގާ އެއްޗެއް ލައްގައިގެން އުޅޭ ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާއިން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުންގެ ސަމާލުކަމަށް މިކަން އައިސްގެން ފުލުހުން އެ ސރަހައްދަށް ގޮސް ބެލި ބެލުމުން ބޮޑަށް ލަފާ ކުރެވެނީ އެއީ ލައިޓް ހައުސެއްގެ ބައެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ އތީގެ ބޮޑު މިނުގައި ގާތްގަނޑަކަށް 50 ފޫޓު ހުންނާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މި މައުލޫމާތު ފުލުހުން ވަނީ އެމްއެންޑީއެފް އާވެސް ހިއްސާކޮށްފައެވެ.

ށ. ކޮމަންޑޫ ކައިރިން ފެނުނު ލައިޓް ހައުސްގެ ބައެއް / ފޮޓޯ: ފުލުހުން

މިއަދު ކޮމަންޑޫ ކައިރިން ފެނިގެން އުޅޭ އެއްޗަކީ މިސައިލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން އޭގެ ފޮޓޯ ޝާއިއުކޮށްފައިވެއެވެ. އެއްބަޔަކު ބުނަމުން ދަނީ އޮޔާ އެފަދަ ނުރައްކާތެރި އެއްޗެއް ލެއްގުމަކީ ގާތްކަމެއް ކަމަށެވެ. އެގޮތުން މި ވަގުތު ޕާކިސްތާނާއި އިންޑިއާ ދެމެދު ކުރަމުންދާ ހަނގުރާމަ އާ ގުޅުން ހުރި މިސައިލެއް ކަމަށްވެސް އެއްބަޔަކު އައީ ބުނަމުންނެވެ. އަދި އެފަދަ އެއްޗެއް ރާއްޖެ ކަހަލަ ކުޑަ ސަރަހައްދެއްގައި އޮވެ ގޮވައިފިނަމަ ލިބިދާނެ ގެއްލުމާ ބެހޭ ގޮތުންވެސް ބައެއް މީހުން ވަނީ ވާހަކަ ދައްކާފައެެވެ.

މި ފޮޓޯއަށް ކޮމެންޓް ކުރަމުން ދިޔަ އާންމުންގެ އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ "ލައިޓް ބީކަން" ނުވަތަ ލައިޓް ހައުސެއްގެ ބައެއް ކަމަށެވެ. މިކަމާ ގުޅިގެން ސޯޝާލް މީޑިއާގައި ދިޔަ ބަހުސްގެ ސަބަބުން ގިނަ ބަޔަކު ވަނީ ބިރުގެންފައެވެ. ނަމަވެސް މިހާރު އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.