ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖަމިއްޔާތަކުގެ ބިލު އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.
ޖަމްއިއްޔާތަކުގެ ބިލުގައި ރާއްޖޭގައި ޖަމްއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރެއެވެ. އެ ބިލު ތަސްދީގުކޮށް އަމަލުކުރުމަށް ފެށުމާއި އެކު، ޖަމިއްޔާތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2003/1) އުވޭނެއެވެ. އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ހިންގަން ބޭނުންވާ އެއްވެސް ބާވަތެއްގެ ޖަމްއިއްޔާއެއް ހިންގޭނީ އެ ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެންނެވެ.
އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާތައް ވެސް، އެ ބިލު ގާނޫނަކަށް ވުމާއެކު އެ ގާނޫނުގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އެކަމަކު، ޖަމިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމްއިއްޔާތައް ހިންގުމާ ގުޅޭ އުސޫލުތައް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމިއްޔާތައް ހިންގުމާ ގުޅޭގޮތުން އަމަލުކުރާނީ އެ ގާނޫނެއްގައިވާ ގޮތުގެމަތިންނެވެ.
ޖަމްއިއްޔާތަކުގެ ރަޖިސްޓްރާގެ ޝަރުތުތަކާއި، މަސްއޫލިއްޔަތުތައް ބަޔާންކޮށް، ޖަމިއްޔާގެ ރަޖިސްޓްރާއަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަން އެ ގާނޫނު މަޖުބޫރު ކުރާއިރު، ގާނޫނާ ހިލާފަށް އަމަލު ކުރާ ޖަމްއިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ އުސޫލުތައް ވެސް ބިލުގައިވެއެވެ. އަދި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ އަމަލެއް ހުއްޓުވުމަށް ނުވަތަ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެންގުމުގެ ބާރު އެ ބިލުން ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބޭނެއެވެ.
ޖަމްއިއްޔާތަކުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުއާމަލާތް ހިންގުމާއި، ޖަމްއިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި، ދެ ޖަމްއިއްޔާއެއް އެއްކޮށްލާނަމަ އަމަލު ކުރަންޖެހޭނެ އުސޫލުތައް ބިލުގައި ބަޔާންކޮށްފައި ވާއިރު، އެ ބިލުގައި ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، އަމަލުކުރަންވީ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.