އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ބަޔަކަށް ފިޔަވަޅު އަޅާ ދިނުމަށް އެދި ދައުލަތުގެ އިދާރާތަކުގައި ދިވެހި ރައްޔިތުން އާދޭސް ކުރަން ޖެހުމަކީ ލަދުވެތި ކަމެއް ކަމަށް ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

ޝެއިހް އަލީ ޒާހިރު މިއަދު ވިދާޅުވީ ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަ ކުރި ލާދީނީ ބަޔަކަށް ފިޔަވަޅު އަޅައިދޭން ކިޔަމުން ދައުލަތުގެ އިދާރާތަކާއި ޒިންމާ ނަގަންޖެހޭ ބޭފުޅުންގެ އަރިހުގައި މުސްލިމް ދިވެހި ރައްޔިތުން އާދޭސް ކުރަން ޖެހުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ޝެއިހް އަލީ ޒާހިރު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި އެ ރިޕޯޓު ނެރުނު ޖަމިއްޔާއާ އެ ޖަމިއްޔާގެ އިސްވެރިންނަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެދި ދިވެހި އެތައް ރައްޔިތުންތަކެއް ގޮވަމުންދާތީއެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އެދެވިގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ އެކަމާ ވެސް ދިވެހި ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޑީއެން ރިޕޯޓު ލިޔުނު ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ގޮވަމުންދާތާ މަހެއް ވެގެން ދާއިރުވެސް އެކަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ލިބިފައިވާ ކުރިއެރުމަކީ ކޮބައިކަމެއް ނޭނގެއެވެ. އެންމެ ފަހުން ފުލުހުން ބުނީ އެ ޖަމިއްޔާގެ މީހުންނާއި އެ ރިޕޯޓު ލިޔުނު މީހުން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށާއި އޭގެތެރެއިން އެ ޖަމިއްޔާގެ އިސް ފަރާތެއް ކަމަށްވާ ޝަހިންދާ އިސްމާއީލާއި އެ ރިޕޯޓު ލިޔުނު މީހުންގެ ތެރޭގައި ހިމެނޭ އަޒްރާ ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް 14 ދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށެވެ.