ޖިންސީ ގޯނާގެ ތުހުމަތުގައި ގައުމީ ކްރިކެޓް ކޯޗު އާސިފް ހާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އަޅާ ނުފޫޒު ފޯރުވަންވީ ސަބަބެއް ނެތް ކަމަށް ޕާކިސްތާނު އެމްބަސީން ބުނެފިއެވެ.

އާސިފްގެ މައްސަލާގެ ތަހުގީގަށް ޕާކިސްތާނު އެމްބަސީ އިން ހުރަސް އަޅަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ހަބަރަކާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެ އެމްބަސީގެ އޮފިޝަލަކު ބުނީ، އާސިފް އަކީ ޕާކިސްތާނާ ގުޅުން ހުރި މީހެއް ނޫން ކަމަށާއި، މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަންވީ ނުވަތަ ނުފޫޒު ފޯރުވަންވީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ހުރަސްއެޅުމަށް ޕާކިސްތާނު އެމްބަސީން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މިމަހު 5 ވަނަ ދުވަހު ހައްޔަރު ކުރި އާސިފް ހާންއަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރި އިރު އޭނާ ހައްޔަރު ކުރިތާ 24 ގަޑި އިރު ހަމަވެފައި ވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. 30 ދުވަސް ވަންދެން ފުރުން މަނާކޮށްފައި އޭނާ އަދިވެސް ހުރީ ރާއްޖޭގައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 46 އަހަރުގެ އާސިފަކީ ފާކިސްތާނަށް އުފަން، ސައުތް އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.