އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ނިސްބަތްވާ، ބައިނަލްއަގުވާމީ ފިލްމީ ޑެނިއަލް ނަޕޮލިޓާނޯ (ޑީނެޕް) ބޮލީވުޑް ފިލްމުތަކެއްގައި މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

2 ފަހަރެއްގެ މަތިން ދުނިޔޭގެ ފެންވަރުގައި މާޝަލް އާޓްސްގެ ރޮނގުން ޗެމްޕިއަންކަންވެސް ހޯދާފައިވާ މި ޒުވާނައަކީ، ބޮލީވުޑް ފިލްމީ ސިނާއަތުގައި ފިރިހެން ތަރިން އަރަމުންދާ ހަރުފަތްތަކުގެ އެންމެ ކުރީ ހަރުފަތުން ޖާގަ ހޯދާނެ ބަތޮލެއް ކަމަށް ދަނީ ސިފަކުރަމުންނެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކަށް މަޝްހޫރު ޑެނިއަލް ނަޕޮލިޓާނޯއަކީ ފިލްމު ކުޅުމާ އެކްޓްކުރުމުގެ ރޮނގުން މަތީ ތައުލީމުވެސް ހާސިލުކޮށްފައިވާ ފަންނުވެރިއެކެވެ.

ބޮލީވުޑް ފިލްމީ ސިނާއަތުގައިވެސް އޭނާ މަސައްކަތް ފަށާފައިވަނީ ކުޅަދާނަ ޑައިރެކްޓަރެއްގެ މޭސްތިރިކަމުގެ ދަށުން އުފައްދާ ވަރުގަދަ ފިލްމެއްގައި ކަމަށް ފިލްމީ ދުނިޔޭގެ ޚަބަރުތައް ބުނެއެވެ.

ޑެނިއަލް ފަދަ ތަރިއަކު ބޮލީވުޑް ފިލްމުތަކަށް ތައާރަފު ކުރުންވެގެންދާނީ ހިސާބަކަށް މަޑުޖެހިފައިވާ ބޮލީވުޑް ފިލްމީ ސިނާއަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށް ފިލްމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.