ސިނަމާތަކުން ދޫކުރާ ފިލްމު ޓިކެޓްތަކުގެ އަގު އުފެލެމުންދިއުމުގެ ޒިންމާއާއި ތަކުލީފު ހަގީގަތުމުގައި އުފުލަންޖެހޭ ބަޔަކީ އޭނާ ފަދަ ފިލްމީ ތަރިން ކަމަށް، ބޮލީވުޑްގެ އުދަރެސް ދުށް އެންމެ ވަރުގަދަ ތަރީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޝާހް ރުކް ހާން ބުނެފިއެވެ.

ނެޓްފްލިކްސްއިން ސްޓްރީމްކުރާ ޑޭވިޑް ލެޓާމަންގެ "މައި ނެކްސްޓް ގެސްޓް ނީޑް ނޯ އިންޓްރޮޑަކްޝަން"ގައި ވާހަކަ ދައްކަމުން އެސްއާރްކޭ ވަނީ މިފަދަ ތަފާތު ވާހަކަތެއް ހިއްސާކޮށްފައެވެ.

އެސްއާރްކޭ ބުނީ، ސިނަމާއަކަށް ގޮސް ފިލްމު ބެލުމަކީ މިހާރު ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވީ ނަމަވެސް، އެހެން އެއްވެސް ޕްލެޓްފޯމަކުން ފިލްމެއް ބަލާލުމުގެ ހަގީގީ ޖަޒުބާތާ އުފާ ލިއްބައި ނުދޭނެ ކަމަށެވެ. އަދި އިތުރު ސިނަމާތަކެއް އަޅަންޖެހޭކަމަށް ގަބޫލުކުރާ ކަމަށް އެސްއާރްކޭ ބުނެއެވެ.

ފިލްމު ޓިކެޓްގެ އަގު ބޮޑުވަނީ އޭނާ ފަދަ ތަރިންގެ ސަބަބުންކަމަށާ، ހަފުތާ ބަންދާ ދިމާކޮށް ފިލްމުތައް ރިލީޒްކުރުމަކީ ޓިކެޓްގެ އަގުތަކަށް ބޮޑު ބަދަލެއް ގެނުވާ ކަމެއްކަންވެސް އެސްއާރްކޭ ވަނީ ފާހަގަކޮށްފައެވެ.

ދަރިފުޅު އާރްޔަންގެ ފިލްމީ ކުރިމަގާ ގުޅޭ ގޮތުން އެސްއާރްކޭ ދިނީ އޭނާގެ ބައެއް ފޭނުންނަށް ހިތްދަތި ޖަވާބެކެވެ. ދާދިފަހުން ރިލީޒް ކުރި "ދަ ލަޔަން ކިންގް" ފިލްމަށް އާރްޔަން އަޑު ޑަބްކޮށްދިން ނަމަވެސް، ފިލްމީ ސިނާއަތުން އޭނާ ފެނުމުގެ ފުރުސަތެއް ނެތްކަމަށް އެސްއާރްކޭ ވަނީ ބުނެފައެވެ. އެގޮތުން އެކްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ސިފައެއް އެ ދަރިފުޅުގެ ކިބައިގައި ނެތް ކަމަށާ، ދަރިފުޅުވެސް އެކަން ގަބޫލުކުރާ ކަމަށް އެސްއާރްކޭ ވަނީ ބުނެފައެވެ. ނަމަވެސް އާރްޔަންއަކީ މޮޅު ލިޔުންތެރިއެއް ކަމަށާ، ބައްޕައާއި އަޅާކިޔާތީ އެކަމާ ހިތްހަމަނުޖެހޭކަން ޚުދު އާރްޔަންވެސް ފާހަގަކުރާކަމަށް އެސްއާރްކޭ ވަނީ ކިޔައިދީފައެވެ.