ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދީނީ ޕްރޮގްރާމުތަކާއި ދީނީ ދަރުސްތައް ނުދައްކާ ކަމަށް ބުނެ ބާހަކަ ދައްކާތީ، ޕީއެސްއެމްގެ ޓީވީ ޕްރޮގްރާމް ތަކުގައި ދައްކާނެ އެއްޗަކާއި ނުދައްކާނެ އެއްޗެއް އިނގޭނީ އެޑިޓަރަށް ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެއެވެ.

އަލީ ހާލިދު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރޮގްރާމް ތަކުގައި ދައްކާނެ އެއްޗަކާއި ނުދައްކާނެ އެއްޗެއް އިނގޭނީ އެޑިޓަރަށް ކަމަށާއި، މިހާރުވެސް ޕީއެސްއެމްގެ ޕްރޮގްރާމުތަކަށް ދީނީ އިލްމުވެރިން ވަޑައިގަންނަވާ ކަމަށާއި އެކަން މަނާކުރުމަށް ރައީސް އޮފީހުން އެއްވެސް އެންގުމެއް ނާންގާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ޓީވީއެމް އިން ދީނީ ޕްރޮގްރާމުތައް ލައިވްކޮށް ނުގެނެސްދޭނެ ކަމަށާއި ގެނެސްދޭނީ ރޭޑިއޯ އިން ކަމަށްވެސް އަލީ ހާލިދު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ދަންވަރު ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ، ޕީއެސްއެމްގެ ލައިވް ޕްރޮގްރާމްތަކަށް ދީނީ އިލްމުވެރިން ނާރުވަން ރައީސް އޮފީހުން އަންގާފައި ނުވާނެ ކަމަށާއި އެ ވާހަަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެފަދަ ކަމެއް ކުރަން ރައީސް އޮފީހުން އިރުޝާދު ދީފައިނުވާނެ ކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް ދީނީ އިލްމުވެރިން އަރުވަން މަނާކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ހަބަރު ފަތުރަމުން ދާއިރު، އެކަމާ ގިނަބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

މި ވާހަކަތައް ދެކެވެމުން މި ދަނީ، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން ދީނީ އިލްމުވެރިން އެ ރިޕޯޓާ ދެކޮޅަށް ވާހަކަތަކެއް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.